ޔަމަނުގެ ހޫތީން ދާދި ފަހުން ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ޔަންބޫ ޕޯޓުން ތެޔޮ ބަރުކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސައުދީގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ޔަންބޫ ޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފައެވެ. ނަމަވެސް، ޕޯޓުގެ މައިގަނޑު ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، މިހާރު ޕޯޓުގެ ހާލަތު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ބުނި ގޮތުގައި، ހަމަލާތަކުގެ އަމާޒަކަށްވި ސައުދީގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މައި ތެޔޮ ހޮޅީގެ އޮޕަރޭޝަންތައް ވަރަށް އަވަހަށް އާންމު ހާލަތަކަށް އަންނާނެއެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ހޮޅިން އަލުން ތެޔޮ ފޯރުކޮށްދޭން ފެށޭނެ ކަމަށް އޭނާ ބުންޏެވެ.

ހޫތީން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މިހާރު ސައުދީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، ތެޔޮ ބަރުކުރުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންނެވެ.