ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުން އައި ގޮތުން ގިނަ ޒުވާނުންނަށް ސިޔާސީ މަސައްކަތް ސިފަވެފައި އޮންނަނީ ވަރަށް ހަޑި އެއްޗެއްގެ ގޮތުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ބޮޑު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒިންމާދާރު ސިޔާސީ މަސައްކަތުގައި ނުރަނގަޅު އަދި ބަލައިނުގަނެވޭނެ ކަންކަން ހުންނަން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ސިޔާސީ މައިދާން ފުރޮޅެމުން އައި ގޮތުން ޒުވާނުންނަށް އެ މަސައްކަތް ވިސްނިފައި އޮތީ އެކަމާ ގާތްވާން ވެސް ކަމުނުދާ އެއްޗެއްގެ ގޮތުގައި ކަމަށާއި، މިއީ ގައުމު އިސްކޮށްގެން ބަދަލުކުރަން ޖެހިފައިވާ ވިސްނުމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ގައުމު އިސްކުރާ ނަމަ، ސިޔާސީ މަސައްކަތަކީ ވަރަށް ސާފު މަސައްކަތެއް ކަމަށާއި، އޭރުން ގައުމު ދޫކޮށްލާފައި އަމިއްލަ މަސްލަހަތު ނުވަތަ ޕާޓީގެ ފައިދާ އިސްނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބައެއް ފަހަރު ވާދަވެރި ޕާޓީތަކަށް ގެއްލުން ދިނުމަށްޓަކައި ގައުމަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަމުންދާކަމީ ހިތާމަހުރިކަމެއް ކަމުގައިކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ފިކުރު ކޮންމެ ޕާޓީއެއްގައި އޮތަސް އެންމެންނަކީ ވެސް ފުރަތަމަ ދިވެހިންކަން ހަނދާންކޮށް ރާއްޖެ ތަރައްގީ ކުރަން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ ނަޒަރިއްޔާތުގައި ހުންނަ ތަފާތުތަކުގެ ސަބަބުން އެކި ޕާޓީތަކަށް ނިސްބަތްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް ގައުމު އިސްކުރުމަކީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުންކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، ސަރުކާރު ހިންގާ ޕާޓީން ގައުމަށް ގެއްލުންވާ ފަދަ ކަމެއް ކުރިނަމަވެސް ވަގުތުން ތެދުވެ އެ ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި، ގައުމަށް އެންމެ ފައިދާހުރި ގޮތް ބަޔާންކޮށްދީ ރަނގަޅު ގޮތް ދެއްކުމަކީ ޒިންމާދާރު ސިޔާސީ މަސައްކަތް ކަމުގައި ރައީސް ވިދާޅުވިއެވެ.