ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރޭގެ ވަގުތެއްގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުއިއްޒެވެ. އެއަށްފަހު، މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ލީޑަރުން ވަނީ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ދިފާއީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމުގެ އިތުރުން އިސްލާމީ ކަންކަމާ ގުޅޭ ދާއިރާ ހިމެނެއެވެ. ހަމައެއާއެކު، ބައިނަލްއަގުވާމީ މައިގަނޑު މައްސަލަތަކުގައި ދެ ގައުމުން ގެންގުޅޭ އެއްގޮތް ވިސްނުންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުންތަކަށްފަހު، ދިފާއީ ދާއިރާއާއި އިސްލާމީ ކަންކަމާ ގުޅޭ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައެވެ. މީގެ އިތުރުން، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓެއް ނުވަތަ ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ރަސްމީކޮށް މަޝްވަރާތައް ފެށުމަށް ނިންމަވާފައިވާކަންވެސް ވަނީ އިއުލާންކުރައްވާފައެވެ.

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އުމްރާނީ ތަރައްގީއާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ރައީސް މުއިއްޒާއި ބޮޑުވަޒީރު އަންވަރު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް ފަސޭހަވާނެހެން ކޮންސިއުލާ އަދި ވިސާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ފަސޭހަކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ބޮޑުވަޒީރު އަންވަރުގެ ޝަރަފުގައި ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ރަސްމީ ޖާފަތެއް ދެއްވާފައެވެ. މީގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ބޮޑުވަޒީރު އަންވަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޮޑުވަޒީރު އަންވަރު އިބްރާހީމް ފުރާވަޑައިގަތުމުން، ވީއައިއޭއިން އެ މަނިކުފާނަށް ރަސްމީކޮށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ.