ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ މަނިކުފާނާއެކުގައި ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ރައީސް އޮފީހުގައި މިއަދު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ، ބޮޑުވަޒީރު އަންވަރުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިންވެސް ގުޅިގެން މަސައްކަތްކުރާ ދާއިރާތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި މެލޭޝިއާއަކީ ޒަމާންވީ ބައިވެރިއެއް ކަމަށެވެ. އަދި އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކުރުމަށް އެ ގައުމާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ބޮޑުވަޒީރާއެކު އެއްބަސްވެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މެލޭޝިއާގައި ދިވެހީންނަށް ވިސާގެ ހިދުމަތް ފުޅާކުރުމާއި ސްކޮލާޝިޕް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދިރާސާތައް ކުރުމަށް މަޝްވަރާކުރެވުނު ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބޭސްފަރުވާއަށް އެ ގައުމަށްދާ ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިގްތިސޯދީ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވައިފައެވެ. ހާއްސަކޮށް އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި އިމާރާތްކުރުމާއި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ރައީސް ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، އެ ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް މެލޭޝިއާއާއެކު އަބަދުވެސް ރާއްޖެއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް