ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

އަންވަރު ރާއްޖެ ވަޑައިގަންނަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަންވަރު ވަޑައިގެންނެވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އަންވަރަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. ދިވެހި ސިފައިން ވަނީ އަންވަރަށް ޝަރަފުވެރި ގާޑެއް އަރުވައިފައެވެ.

ލޯންޗުކޮޅުގައި މިއަދު ހެނދުނު އަންވަރު މާލެ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އެއަަށްފަހު އަންވަރަށް މަރުހަބާ ދެންނެވީ ސްކޫލު ދަރިވަރުންގެ ސަގާފީ ހަރަކާތްތަކާއެކުއެވެ.

އެ ހަރަކާތްތަކަށްފަހު ދިވެހި ސިފައިންގެ ބަޑީގެ ސަލާމަކާއެކު، ޖުމްހޫރީ މައިދާނުގައި ސިފައިންގެ ބޭންޑުން ވަނީ މެލޭޝިއާ އާއި ރާއްޖޭގެ ގައުމީ ސަލާމް ގެނެސްދީފައެވެ.

އެއަށްފަހު ރަތް ދޫލައިގައި ހިންގަވާފައި، އަންވަރު ވަނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާ ސަލާމްކުރައްވައި، ރައީސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް އޮފީހަށް ވަޑައިގެން، އަންވަރު ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

އަންވަރުގެ ދެ ދުވަހުގެ ދަތުރުފުޅަކީ 2022 ވަނަ އަހަރުގެ ނޮވެންބަރުގައި ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

ރައީސް އޮފީހުން މިމަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ އަންވަރުގެ މި ދަތުރަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިކުރުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެގޮތުން، ދެ ގައުމުގެ އިސް ލީޑަރުންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ބައިނަލްއަގުވާމީ ދާއިރާތަކުންނާއި އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ދަތުރުގެ ތެރެއިން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރާއްޖެއާއި މެލޭޝިއާގެ ހާރިޖީ ގުޅުމަށް މިހާރު ވަނީ 58 އަހަރު ފުރިފައެވެ.