ރަޝިޔާގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމަށް ފަހު، އިންޑިއާއިން ގެންގުޅޭ މިނިވަން ހާރިޖީ ސިޔާސަތަށް ޗައިނާއިން މަރުހަބާ ކިޔައިފިއެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ބައިނަލްއަގުވާމީ މަސްރަހުގައި އިންޑިއާއިން އަމިއްލަ މިނިވަން ސިޔާސަތެއް ގެންގުޅުމަކީ ޗައިނާއިން ބަލައިގަންނަ ކަމެކެވެ. އަދި މި ބައްދަލުވުމުގައި، ދުނިޔޭގެ ގިނަ ގައުމުތައް ބައިވެރިވާ ނިޒާމެއް ގާއިމުކުރުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަން މޯދީ ފާހަގަކުރެއްވި ކަމަށް ޗައިނާގެ އޮފިޝަލުން ބުނެފައިވެއެވެ. މީގެ އިތުރުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ޗައިނާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ، ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ސުލްހަ ގާއިމުކުރުމަކީ ގުޅުން ރަނގަޅުކުރުމަށް އޮތް އެންމެ މުހިންމު އަސާސް ކަމަށް މޯދީ ވިދާޅުވި ކަމަށެވެ. މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ހާއްސަ މަންދޫބުންގެ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް އިންޑިއާއިން ބުނެފައިވެއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ، ހިމާލިޔާ ފަރުބަދަ ސަރަހައްދުގައި ދެ ގައުމު ގުޅޭ ބޯޑަރުގައި ޕެޓްރޯލް ކުރުމާ ގުޅޭގޮތުން އިންޑިއާއާއި ޗައިނާއިން އާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ ސަރުކާރުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކުގެ ސަބަބުން އާންމު ގުޅުމަށް ހުރަސްއެޅިގެން ނުވާނެއެވެ. މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުންތަކަށް ފަހު، މޯދީއާއި ޝީ ޖިންޕިންގ ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.