ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައިނަލްއަގުވާމީ އީ-ކޮމާސް ލިމިޓް ކޮންމެ ދުވަހަކު އާވާ ވަގުތު، ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިނގަމުންދާ ކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ލިމިޓް ރިސެޓްވުމާއެކު، ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ އާންމުކޮށް ބޭނުންކުރާ ސައިޓުތަކަށް ބޮޑު ޓްރެފިކެއް އާދެއެވެ. ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކުރިން ކާޓަށް އަޅައިގެން ތިބުމުގެ ސަބަބުން، ލިމިޓް އާވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދުވާލަކަށް ކަނޑައަޅާފައިވާ ބަޖެޓް ހަމަވެއެވެ. ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓުތަކުން ވިޔަފާރިކުރާ އިރު، ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް ހިނގާ ކަމަށް ބޭންކުން ބުނެއެވެ.

ޑޮލަރަށް އޮތް ބޮޑު ޑިމާންޑާ ގުޅިގެން، ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ މެނޭޖްކުރުމަށްޓަކައި ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރު ވަނީ ކަނޑައަޅައިފައެވެ. މި އުސޫލުގެ ދަށުން އެކި ކެޓަގަރީތަކަށް ލިމިޓް ކަނޑައަޅާފައިވަނީ އަންނަނިވި ގޮތަށެވެ؛

  • އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް (150 ސައިޓް): މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 100،000 ޑޮލަރު)
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް: މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 50،000 ޑޮލަރު)
  • ދަތުރުފަތުރާއި ހޮޓެލް ބުކިންގ: މަހަކު ހަ މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 200،000 ޑޮލަރު)
  • ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ހިދުމަތްތައް: މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 100،000 ޑޮލަރު)
  • އެހެނިހެން އޮންލައިން ވިޔަފާރިތައް: މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 60،000 ޑޮލަރު)

މި ލިމިޓްތައް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް ބޭންކުން އިރުޝާދުދެއެވެ. ނަމަވެސް، ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ ކެޓަގަރީތަކުން ދުވަސް ނިމޭއިރު ވެސް ލިމިޓް ބާކީ ހުންނަކަން ބޭންކުން ފާހަގަކުރެއެވެ. މީގެ އިތުރުން، ސިއްހަތާއި ތައުލީމީ ހިދުމަތްތަކަށް އެއްވެސް ލިމިޓެއް ނެތި ފައިސާ ދެއްކޭނެ ހާއްސަ ބަފަރެއް ކަނޑައަޅާފައިވާ އިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ އަދި ކިޔަވާ ދިވެހިންނަށް ވެސް ލިމިޓުގެ ދަތިކަމެއް ނެތި ކާޑު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، އީ-ކޮމާސްއާއި އެހެނިހެން ކާޑު މުއާމަލާތްތަކަށް މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ހާއްސަކޮށްފައިވެއެވެ. މުއާމަލާތްތައް ދައުރުވާ ގޮތާއި ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށް ބަލައި، މި އަދަދުތައް މުރާޖައާކުރަމުން ގެންދާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.