ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖެއަށް ވަން ރެވެނިއުއެއް ނޫން ކަމަށާއި މި އާމްދަނީ އެއަށްވުރެ މަތިވުމަކީ ކުރެވޭ އުންމީދެއް ކަމަށެވެ.

"އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް، ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ހިދުމަތް ދޭންޖެހޭ. އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މަސައްކަތެކެވެ.

މި ހިދުމަތަކީ އޮފްޝޯކޮށް އެކަމަށް ހާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ހިދުމަތެކެވެ. މި ހިދުމަތް ފެށިފަހުން ހިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އިތުރުވާނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ބަންކަރިންގެ ހިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ހިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފާ އޮއިލްއިނެވެ.

ބަންކަރިން ހިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަގުވާމީ ގޮތުން މި ހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ.