ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހަޅާ ދިރާސާ ކަރުދާސްތައް ބަލައި އެސެސްކުރާނެ "ޕިއާ ރިވިއު ޕޫލް" ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ޕޫލްގައި ހިމެނޭނީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ދާރިސުންގެ އިތުރުން އެކި ފަންނުތަކުގެ މާހިރުންނެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މި ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހަޅާ ދިރާސީ ކަރުދާސްތަކުގެ ފަންނީ ފެންވަރު ވަޒަންކުރުމާއި، މައުލޫމާތުގެ ސައްހަކަމާއި މައުޟޫއުގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިލްމީ ހިޔާލު ފޯރުކޮށްދިނުމެވެ.
މި މަސައްކަތުގައި ބައިވެރިވެވޭނީ މެކްރޯ އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފަތުރުވެރިކަން، ބައިނަލްއަގުވާމީ ވިޔަފާރި އަދި ޑިޖިޓަލް ފައިނޭންސް ފަދަ ކޮންފަރެންސާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތައް ދިރާސާކުރުމަށް ހަމަޖެހިފައިވަނީ "ޑަބަލް ބްލައިންޑް ޕިއާ ރިވިއު" އުސޫލުންނެވެ. އެއީ ރިވިއުކުރާ ފަރާތާއި ދާރިސަށް އެކަކު އަނެކަކު ނޭނގޭނެ ގޮތަށް، މިނިވަންކަމާއެކު ކަރުދާސްތައް ވަޒަންކުރުމަށް ކުރިއަށްގެންދާ އުސޫލެކެވެ. އެމްއެމްއޭގެ ޕިއާ ރިވިއު ޕޫލްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ނިންމާ ފަރާތްތަކަށް ސެޓްފިކެޓާއި އުޖޫރައިގެ އިތުރުން އެ ނޫންވެސް އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ޕިއާ ރިވިއުއަރަކަށް ވުމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ރިސާޗް ކޮންފަރެންސްގެ ވެބްސައިޓުގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެންނެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 27 އެވެ. މިއަހަރުގެ ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 5 އިން 7 އަށެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް