ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުލުހަށް ހާޒިރުކުރަން ނިންމީ އެ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ނޫން ކަމަށާއި، އެއީ ރިޝްވަތުގެ މައްސަލައެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ސިޔާސީ ފަރާތްތަކެއް ވަނީ ހައްޔަރުކޮށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އޭގެ ތެރޭގައި ކުރީގައި ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ އޭރުގެ ރައީސް އިމްރާން އަބްދުﷲ އަދި ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރުގެ ރައީސް ޔާމީނާއެކު މަސައްކަތްކުރައްވާ އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ހުކުމްކުރެއްވި އިރު، ހުންނެވީ އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވައިގެންނެވެ.

އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި، ޕްރޮސެކިއުޓާ ޖެނެރަލަކަށް ހުންނެވި މުހުތާޒު މުހުސިނާއި، ގާޒީ އަހުމަދު ނިހާން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވި ގޮތުގައި، އޭރު އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވި ގޮތަށް، އެމަނިކުފާނު ވެސް އިސްތިއުފާދެއްވާނެ ކަމަށް ހީކޮށް ބަގާވާތެއް ރާވައިގެން ސަރުކާރު ވައްޓާލުމަށެވެ. ނަމަވެސް ރައްޔިތުން ހޮވާފައި ހުރި ވެރިއަކަށް ވާތީ އެކަން ގަބޫލުފުޅުނުކުރެއްވީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ނެރުނު އަމުރަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ ބޭފުޅުންނަކީ ޝަރުއީ ތިން މަރުހަލާ ނިމި، ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ކުށްވެރިވެފައިވާ ބައެއް ކަމަށެވެ. ފަހުން އެ ބޭފުޅުން ދޫކޮށްލަން ނެރުނު އަމުރުގައި، ކުރީގެ މައްސަލަތައް ނިންމާފައިވަނީ އަވަސްއަރުވާލައިގެން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި އަދުލުވެރިކަމުގެ ސިފައެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ފަނޑިޔާރުން ހައްޔަރުކުރި ސަބަބާ ގުޅޭގޮތުން ޔާމީން ވިދާޅުވީ، "އެބޭފުޅުން ފުލުހަށް ހާޒިރުކުރަން ނިންމަން ޖެހުނު ސަބަބަކީ އެއްގޮތަކަށް ވެސް އެބޭފުޅުން ނެރުނު ހުކުމެއް ނޫން" ކަމަށެވެ. އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ދިޔަ ވަގުތު އެމަނިކުފާނުގެ ފޯނަށް ތަފްސީލީ މެސެޖުތަކެއް ލިބިވަޑައިގަތް ކަމަށާއި، އޭގައި "އަބްދުﷲ ސައީދަށް މެލޭޝިއާގެ ދެ ފުލެޓު، އަލީ ހަމީދަށް މެލޭޝިއާގެ މިތައް ފުލެޓު، މި ގަތްދީފައި މިއޮތީ މިވެނި ކުންފުންޏެއްގެ، މިވެނި މީހެއްގެ ދަރިއެކޭ" ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ބޭފުޅުން ފުލުހަށް ހާޒިރުކުރަން އުޅުނީ ލިބޭ އާމްދަނީއާ ނުބައްދަލު ހޭދައެއް ކުރެއްވީ ކިހިނެއްތޯ ސުވާލުކުރުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

ފުލުހަށް ހާޒިރުވާން އެންގުމުން ފަނޑިޔާރުން އެކަމަށް ދެކޮޅު ހެއްދެވި ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ. ފަނޑިޔާރުން ނެރުއްވި އަމުރުގައި، އެ އަމުރާ ގުޅިގެން ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަނޑިޔާރުން ވަނީ އެ ބޭފުޅުންގެ އަމިއްލަ ފަސޭހައަށް ގާނޫނުއަސާސީގެ އެ ބައި ވެސް އުވާލައްވައިފައެވެ.