ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ބުނީ ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގަންނަވާފައިވަނީ ތިން ދުވަހުގެ ދަތުރަކަށް ކަމަށެވެ. ކުރިއަށް ހުރި ދުވަސްތަކުގައި ސައުދީ ފަންޑުގެ ސީއީއޯއާއެކު ރަސްމީ ބައްދަލުވުންތަކެއް ކުރިއަށްދާނެކަމަށް ފިނޭންސުން ބުންޏެވެ.

ސައުދީ ފަންޑުގެ ސީއީއޯ ވަނީ މީގެކުރިންވެސް އެކިފަހަރު މަތިން ރާއްޖެ ވަޑައިގެންފައެވެ.

ސައުދީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ދީފައިވާ އެހީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދުއަށް ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފައެވެ.

ސައުދީ ފަންޑަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭ ފަރާތެކެވެ. މިހާތަނަށް 40 އަށް ވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައުދީ ފަންޑުގެ އެހީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.