ރާއްޖޭގައި އިމާމުކަމާއި ހަތީބުކަމުގެ ދާއިރާއިން އާ ޖީލެއް ބިނާނުކުރެވިއްޖެ ނަމަ، ގައުމަށް ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށާއި، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވޭތުވެދިޔަ ޖީލުތަކަށްވުރެ އިލްމީ ޒުވާނުންތަކެއް އެ ދާއިރާއަށް ނެރުމަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގައި އެފަދަ މަސައްކަތްތަކުގެ ހުނަރު ހުރި ބޮޑު އާބާދީއަކީ މިހާރު އުމުރުން ދުވަސްވީ މީހުން ކަމަށާއި، އޭގެ ސަބަބުން ޒިންމާ އުފުލުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އިމާމުން މިހާރު ދުނިޔެ ދޫކޮށްފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މައުހަދު އުފެދުނު ޒަމާނުގައި ރަށްރަށަށް ބޭނުންވާ ވަރަށް އިމާމުންނާއި ގާރީން ބިނާކުރި ނަމަވެސް، ފަހުން އާ ޖީލެއް ބިނާކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތް ކަމަށާއި، އެކި ކޯސްތައް ހެދި މީހުން އެނބުރި ރަށަށް ނުދިއުމުގެ ސަބަބުން ރަށްރަށަށް ދަތިކަން އިތުރުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން 2024 ވަނަ އަހަރު ފެށި ގައުމީ މަޝްރޫއުގެ ދަށުން، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 700 ޒުވާން ހަތީބުންނާއި އިމާމުން އަދި 880 ޖަމާއަތްތެރިން ވަނީ ތަމްރީނުކޮށްފައިކަމަށް ޝަހީމް ވިދާޅުވިއެވެ.
"ވޭތުވެދިޔަ ޖީލަށްވުރެ އިލްމީ ޖީލެއް ބިނާކުރުމުގެ މަސައްކަތް މިދަނީ. ޒަމާނީ ތައުލީމާއި ތަރުބިއްޔަތާއި ތަޖުވީދު ގުރުއާނާއި އިސްލާމީ ފިގުހުގެ އިލްމު، އޭލެވެލް ފެންވަރަށް މި ތަމްރީންކުރަނީ. ތަފާތު މަދަރުސާތަކުގެ ދަރިވަރުން މިއަދު މި ޕްރޮގްރާމް ފުރިހަމަކުރަމުންދޭ." ޝަހީމް ވިދާޅުވިއެވެ.
އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި 100 ފުރުސަތު ދެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއިން 50 ފުރުސަތުގެ އިތުރުން ބްރޫނާއީ، އިންޑޮނޭޝިއާ އަދި މެލޭޝިއާއިން ލިބުނު ފުރުސަތުތައް ހިމެނޭއިރު، ސަރުކާރުން މިހާރު ވަނީ އިމާމުންގެ މުސާރަވެސް ބޮޑުކޮށްދީފައިކަމަށް ޝަހީމް ވިދާޅުވުއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ދާއިމީ އިމާމުން ނެތް 65 މިސްކިތް އެބަހުރި ކަމަށާއި، އަދި އަލަށް 101 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، ސަރުކާރުން ކުރިއަށްގެންދާ އެ ތަމްރީނުތަކުގެ ސަބަބުން މިސްކިތްތަކަށް ކުރިމަތިވެފައިވާ އިމާމުންގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް