ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނުވަމުން އަންނަ ޒުވާން ހަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަން ފަތުރައިދޭނެ ދަންމަރުތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 9 ގަރުނު ފުރިގެންދާއިރު، 700 އަށްވުރެ ގިނަ ޒުވާނުން ހަތީބުންގެ ގޮތުގައި ތަމްރީނުވަމުން ދިޔުމަކީ އިސްލާމީ ރޫހަށް ލިބުނު އާ ދިރުމެއް ކަމަށެވެ. އަދި ތާރީހުގެ އެކި ދައުރުތަކުގައި އިސްލާމްދީން ފެތުރުމާއި، ދީން ހިމާޔަތްކުރުމުގައި ޒުވާނުން އަދާކޮށްފައިވާ ދައުރަކީ ރަން އަކުރުން ފެވިގެންވާ ފަދަ މަތިވެރި ހިދުމަތްތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ތާރީހުގައި ދީނީ އިލްމު ހޯއްދެވުމަށް ޒުވާނުން ވެވަޑައިގެންނެވި ބުރަ ގުރުބާނީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޑަ އުމުރުފުޅުގައި (11 އަހަރާއި 13 އަހަރުފުޅުގައި) ބޭރު ގައުމުތަކަށް ވަޑައިގެން، އުނދަގޫ އަދި ނުރައްކާތެރި ހާލަތްތަކުގައިވެސް ކިޔެވުން މެދުކަނޑާނުލައި އިލްމު ހޯއްދެވި އިލްމުވެރިން ރާއްޖޭގައި އުޅުއްވި ކަމަށެވެ. އެހެންކަމުން، ބުރަ މަސައްކަތެއް ކަމުގައިވާ އިލްމު އުނގެނުމުގައި ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒުވާނުން ހަތީބުންނަކީ ދިވެހިންގެ އިސްލާމީ އަހުލާގަށް އާރޯކަން ގެނެސްދޭނެ މުރައްބީން ކަމަށާއި، ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގެ ބޮޑު މަސްއޫލިއްޔަތާ ހަވާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދީނީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާތީ އުފާކުރައްވާ ކަމަށާއި، އިސްލާމްދީނުގެ މައިގަނޑު އަސާސްތައް ކަމުގައިވާ އިންސާނީ ކަރާމާތް ނެގެހެއްޓުމާއި، ސުލްހަވެރިކަމާއި އަމާންކަން މުޖުތަމައުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދިނުމަށް ޒުވާން ހަތީބުންނަށް އިލްތިމާސްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް