މީސްތަކުންނަށް އިލްމު ފޯރުކޮށްދިނުމުގައި ދުލާއި ގަލަން ހިނގަންވާ ގޮތާއި ނުވާނެ ގޮތް ދެނެގަނެ، ހިކުމަތްތެރިކަން އިސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެެދިވަޑައިގެންފިއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިޔަ ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދީނީ ކަންކަމުގައި ޒުވާނުންގެ ހަރަކާތްތެރިކަމާއި ރޫހު ފެނިގެންދިއުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އިލްމަކީ ހަމައެކަނި ފޮތްތަކުން ހާސިލުކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ ތަފާތު ތަޖުރިބާތަކާއި އެހެނިހެން އިލްމުތަކުގެ އަލީގައި، ހިކުމަތްތެރިކަމާއެކު ލިބިގަންނަންޖެހޭ އެއްޗެއްކަން އެ މަނިކުފާނު ވިދާޅުވިއެވެ.

އިލްމު ފޯރުކޮށްދިނުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ތިމާގެ ދުލާއި ގަލަމުގެ ބޭނުން ހިފަންވީ ވަގުތުތަކާއި ހިމޭންވާންޖެހޭ ހާލަތްތައް ދެނެގަންނަންޖެހޭ ކަމަށެވެ.

"މިކަންކަން އަންނަނީ ހިކުމަތްތެރިކަމުގެ ތެރެއިން. ހިކުމަތްތެރިކަމާ އެކު ދީނަކީ މަސްލަހަތު،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދުގެ ޒުވާން ހަތީބުންނަކީ މާދަމާ މުޅި ގައުމަށް މަގުދައްކައިދޭނެ ހިކުމަތްތެރި، ވިސްނުންތެރި އިލްމުވެރިންނަށް ވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އަދި މުޖުތަމައުގެ ފިކުރާއި އީމާންތެރިކަން ވަރުގަދަކުރުމުގައި ޒުވާނުންގެ ދައުރު ނުހަނު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާން ހަތީބުންނަކީ ރާއްޖޭގެ އިސްލާމީ އުންމީދީ ދަންމަރުތަކެއްގެ އިތުރުން މުޖުތަމައުގެ ފިކުރު ބައްޓަންކުރާނެ މުރައްބީންތަކަކަށް ވެ، ހުރިހާ ގޮތަކުން ވެސް ނަމޫނާ ޝަހުސިއްޔަތުތަކަކަށް ވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.