ޚުލަފާއުއްރާޝިދޫން ކަމުގައި ބެލެވޭ ހަތަރު ޚަލީފާއިންނަކީ ސައްޔިދުނާ އަބޫބަކުރުގެފާނާއި، ސައްޔިދުނާ ޢުމަރުގެފާނާއި، ސައްޔިދުނާ ޢުޘްމާނުގެފާނާއި، ސައްޔިދުނާ ޢަލީގެފާނާ މި ހަތަރުބޭކަލުންނެވެ. މި ހަތަރު ބޭކަލުންގެ ޚަލީފާކަމުގެ ދައުރު ނިމުމާއެކު އިސްލާމީ އުއްމަތް ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން މުޅީން ތަފާތު ފައްތަރަކަށް ވެއްޓިއްޖެއެވެ. ޚަލީފާކަން މަޑުމަޑުން ގޮސް ރަސްކަމަކަށް ބަދަލުވެގެން ހިނގައްޖެއެވެ.
މި ހާލަތު ވަރަށް ކުރުކޮށް ވަރަށް ރީތިކޮށް ބަޔާންކޮށް ދެއްވަމުން، ރާއްޖޭގެ މަޝްހޫރު އިސްލާމީ ތާރީޚު ލިޔުންތެރިޔާ ޢަބްދުﷲ ފާރޫޤް ޙަސަން އޭނާ އެންމެ ފަހުން ނެރުއްވި ފޮތް [ޢުމަރު ޘާނީ: ޢުމަރު ބިން ޢަބްދިލްޢަޒީޒު ރަޙިމަހުﷲ] ގައި ލިޔުއްވައިފައި ވެއެވެ. [ކަން މިހެންވާން ޖެހުމުގެ އެންމެ މުހިންމު ސަބަބަކީ، އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ އުސޫލުތަކުގެ މަތީގައި މަދީނާގައި ބިނާކުރެއްވި ނަމޫނާ އިސްލާމީ ދައުލަތުގެއަސްލު އުސޫލުތަކަށް ބަދަލުއައުމެވެ. އަލްޚުލަފާއުއްރާޝިދޫންގެ ބަރަކާތްތެރި ދައުރަށްފަހު ނުއަތުބުރެއް އެޅުމެވެ. ނަލަވައިގައި ރީތިކޮށް ދުވަމުންދިޔަ އުންމަތުގެ ނަވަށް ފުށަތުރޯޅިޔެއް އެރުމެވެ. ނަތީޖާއެއްގެގޮތުން މުސްލިމުންގެ ސިޔާސީ، އިޖުތިމާޢީ، ފިކުރީ ނިޒާމު ފާލުންނައްޓައިލުމެވެ.]
ފާރޫޤްގެ މި ފޮތަކީ ބައެއް ތާރީޚު ޢިލްމުވެރިންނާއި ޢާލިމުން ޚުލަފާއުއްރާޝިދޫންގެ ތެރޭގައި ހިމަނުއްވައި އެއީ ފަސްވަނަ ޚަލީފާކަމަށް ގަބޫލުފުޅުކުރައްވާ ވެރިއެއް ކަމުގައިވާ ޢުމަރު ބިން ޢަބްދިުލްޢަޒީޒުގެ ހަޔާތްޕުޅާއި ވެރިކަމުގެ މައްޗަށް ލިޔުއްވައިފައިވާ ވަރަށް ރަނގަޅު ފޮތެކެވެ.
ފޮތް ލިޔުއްވައިފައިވާ އުސްލޫބުގެ މައްޗަށް މާ ގިނަ ވާހަކަތަކެއް ލިޔުމުގެ ބޭނުމެއް ނެތެވެ. ފާރޫޤްގެ ކޮންމެ ފޮތަކީ ބަހުގެ ހަމަތަކާއި ފަސާހަތްތެރިކަމުގެ ނަމޫނާ ފޮތެކެވެ. މި ފޮތަކީވެސް އޭގެ މިސާލެކެވެ. މިއީވެސް ކިޔާލަން ފަސޭހަ ގޮތަކަށް، ހާދިސާތައް ކުރުކޮށް ބަޔާންކޮށްދެއްވައި، ލިޔުއްވައިފައިވާ ފޮތެކެވެ.
ފޮތް ބައްސަވައިފައިވަނީ ނުވަ ބާބެއްގެ މައްޗަށެވެ.
ފުރަތަމަ ބާބަކީ ފެށުމެވެ. މި ބާބުގައި ވަނީ މުސްލިމުންގެ ސިޔާސީ ނިޒާމުގެ މައްޗަށް ބައްލަވައިލައްވައިފައެވެ. އެ ނިޒާމަށް ލޮޅުން އެރރި ގޮތާއި ސަބަބުތަކުގެ މައްޗަށް ކުރު ގޮތަކަށް އަލި އަޅުވައިލެއްވުމަށް ފަހު އިސްލާމީ އުއްމަތް އެ ވަގުތު އޮތީ މުޖައްދިދަކަށް ބޭނުންވެފައި ކަމަށް ލިޔުއްވައިފައިވެއެވެ. މިއީ ފޮތް ފެށުމުގައި ބޭނުން ކުރައްވައިފައިވާ ވަރަށް ރީތި ގޮތެކެވެ. ފުރަތަމަ ބާބު ނިންމަވައިފައި ދެން ސީދާ ވަންނަވައިފައިވަނީ ޢުމަރު ބިން ޢަބްދިލްޢަޒީޒުގެ ހަޔާތްޕުޅުގެ ތެރެއަށެވެ.
ދެވަނަ ބާބަކީ އެކަލޭގެފާނުގެ ނަސަބުފުޅާއި އާއިލީ ދިރިއުޅުއްވުމާއި ތައުލީމާއި ތަރުބިއްޔަތާއި ޒުވާން އުމުރުފުޅުގެ ދިރިއުޅުއްވުމާއި ކާވެނިފުޅުގެ މައްޗަށް ބައްލަވައިލައްވައިފައިވާ ބާބެވެ.
ޢުމަރު ބިން ޢަބްދިލްޢަޒީޒަކީ އިސްލާމީ ދެވަނަ ޚަލީފާ ޢުމަރުގެފާނަށް މުނިކާފަ ވިދާޅުވާ ބޭކަލެކެވެ. އެއީ ޢުމަރުގެފާނުގެ ދަރިކަލުން ޢާޞިމްގެ ދަރިކަނބަލުން އުއްމު ޢާޞިމްގެ ދަރިކަލުންނެވެ. ފާރޫޤް ލިޔުއްވައިފައި ވެއެވެ. [ޢިލްމުވެރީން ވިދާޅުވާގޮތުގައި ޢުމަރު ބުނު ޢަބްދިލްޢަޒީޒަކީ، ޢުމަރު ބުނު އަލްޚައްޠާބް ރަޟިޔަﷲ ޢަންހުގެ ހުވަފެންފުޅެއްގެ ތަޢުބީރެވެ. ޢުމަރުގެފާނަށް ހުވަފެންފުޅުން ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ ނަސުލުގެ ވެރިޔަކު މުޅި ބިން ޢަދުލުވެރިކަމުން ފުރައިލެއްވީތީއެވެ. އެބޭފުޅެއްގެ ނިޝާނެއް ކަމުގައި ފެނިވަޑައިގެންނެވީ ނިތްކުރިފުޅުގައި ހުރި ލަކުނެކެވެ. ޢުމްރު ބުނު ޢަބްދިލްޢަޒީޒު ތުއްޕުޅުއިރު އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުލްޢަޒީޒުގެ އަރިހުގައި އަސްގުދަނަކަށް ވެދެވަޑައިގެންނެވިއެވެ. އެވަގުތު އެ ގުދަނުގައި އޮތް އަހެއް އެސޮރުގެ މޮއްގަނޑުން ޖަހައި ޢުމަރުގެ ނިތްކުރިފުޅު ފަޅައިލިއެވެ. އެތަން ފެނިވަޑައިގަތުމުން ޢަބްދުލްޢަޒީޒު ދަރިކަލުންގެ ލޭފޮދު ފޮއްސަވައި ދެއްވަމުން ވިދާޅުވިއެވެ. "ދަރިފުޅަކީ ބަނޫއުމައްޔަތުގެ އަޝައްޖު ކަމުގައި ވެއްޖެނަމަ ހުރި ހެޔޮކަމެއްގެ ބޮޑުކަމާއެވެ!]
ޢުމަރު ބިން ޢަބްދިލްޢަޒީޒަކީ ހިތްޕުޅު އަލި ބުއްދިފުޅު ތަނަވަސް ބޭކަލެކެވެ. އުނގެނިވަޑައިގަތުމަށް ޝައުގުވެރިކަން ދެއްވި ބޭކަލެކެވެ. ބައްޕާފުޅުވެސް ވަނީ އެ ކަލޭގެފާނުގެ ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިފައެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމުގެ ބޮޑުކަން ހާމަކޮށްދެއްވުމުގެ ގޮތުން ފާރޫޤް ލިޔުއްވައިފައިވެއެވެ. [ޙާފިޡުއްޛަހަބީ ރަޙިމަހުﷲ، ޢުމަރު ބުނު ޢަބްދިލްޢަޒީޒު ރަޙިމަހުﷲ ގެ ޢިލްމުވެރިކަމަށް އިޢުތިރާފުވެވަޑައިގަންނަވަނީ އަންނަނިވި ޢިބާރާތުންނެވެ. "އެކަލޭގެފާނަކީ ވަރަށް މަތީ ދަރަޖައިގެ އިމާމެކެވެ. ވަރަށް ބޮޑު ފިޤުހުވެރިއެކެވެ. މުޖްތަހިދެކެވެ. ޙަދީޘު ޢިލްމުގެ އިތުބާރުހުރި މާހިރެކެވެ. ޞައްޙަ ސަނަދެއްގެ ޙާފިޡެކެވެ.]]
ފާރޫޤް ލިޔުއްވައިފައިވާ ގޮތުގައި ޢުމްރު ބިން ޢަބްދިލްޢަޒީޒަކީ އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު މުއްސަނދި ޝާހީ ދިރިއުޅުއްވުމަށް ލޯބިފުޅު ކުރެއްވި ބޭކަލެކެވެ. އެހެންނަމަވެސް ޚަލީދފާކަން ލިބިވަޑައިގަތުމުން އެ މުއްސަނދި ދިރިއުޅުއްވުން ދޫކޮށްލެއްވިއެވެ.
ތިންވަނަ ބާބުގައި ފާރޫޤް ބައްލަވައިލައްވައިފައިވަނީ ޢުމްރު ބިން ޢަބްދިލްޢަޒީޒަށް މަދީނާގެ ގަވަރުނަރުކަން ދެއްވުމުން އެ ވަޒީފާގައި މަސައްކަތްޕުޅުކުރެއްވި ގޮތެވެ. އެ ދުވަސްވަރު އިސްލާމީ އުއްމަތަށް ކުރެއްވި ޚިދުމަތްތަކުގެ ވާހަކައެވެ. އެންމެ ބޮޑު ޚިދުމަތެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައި ވަނީ މަސްޖިދުއްނަބަވީ އަލުން ބިނާ ކުރެއްވުމެވެ.
ހަތަރުވަނަ ބާބަކީ ދައުލަތުގެ ޚާއްސަ މުޝީރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ ވާހަކައެވެ. މިއީ އެކަލޭގެފާނު މަދީނާގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވި ފަހުން ލިބިވަޑައިގަތް މަގާމެކެވެ.
ފަސްވަނަ ބާބުގައި ވަނީ ވަލީ ޢަހްދުކަން ލިބިވަޑައިގަތުމާއި ޚަލީފާކަމުގެ ބައިޢަތު ހިފުމުގެ ވާހަކައެވެ. ބައިޢަތު ހިފެވުނީ އޭރު ހުންނެވި ރަސްގެފާނު ސުލައިމާން ބުނު ޢަބްދުލްމަލިކު އަވަހާރަވީމައެވެ. ޚަލީފާކަން ލިބިވަޑައިގަތުމާ ގުޅިގެން އޭރުގެ ރަސްކަމުގެ އާދަތައް ހުރި ގޮތުން ހަށިފާރަވެރިން ޢުމަރު ބިން ޢަބްދިލްޢަޒީޒު ވަށައިލީމާ ކަންތައް ކުރެއްވި ގޮތް ފާރޫޤް ލިޔުއްވައިފައިވަނީ މިފަދައިންނެވެ. [ސުލައިމާން ބުނު ޢަބްދުލްމަލިކު ފަސްދާނުލައި ނިމުމާއެކު ޝާހީ ހަށިފާރަވެރީން ޢުމަރު ވަށައިލިއެވެ. ގަނޑުވަރަށް ވަޑައިގެންނެވުމަށް ޝާހީ އަސްކޮޅުތައް ގެނެވުނެވެ. އެހިނދު ހަށިފާރަވެރިންނާ މުޚާޠަބުކުރައްވައި ޢުމަރު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް އަހަރެންގެ އަޖަލު އެންމެ ދުވަހަކަށްވެސް އިތުރުކޮށްދެވިދާނެ ހެއްޔެވެ؟] އެބައިމީހުން ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. [އެހެންވީއިރު ތިޔަބައިމީހުން ދާށެވެ!] ޝާހީ އަސްތަބީލާގެ ބަނޑޭރި ގާތު ވިދާޅުވިއެވެ. [ތިޔަ އަސްތަކާއި އޭގައިހުރި ސާމާނު ވިއްކައިލާށެވެ. ލިބޭ ފައިސާ ސަރުކާރުގެ ބައިތުލްމާލަށް ޖަމާކުރާށެވެ. އަހަންނަށް އަހަރެންގެ ބާރަށްދުވާ ބަޣަލު ފުދެއެވެ.] ފުލުހުންގެ ވެރިޔާ ލޮންސި ހިއްޕަވައިގެން ކުރިފުޅުމަތީން އަސްމަތީގައި ވަޑައިގަންނަވަން ފެއްޓެވުމުން ވިދާޅުވިއެވެ. [އަހަންނަކީ އެހެންވެސް މުސްލިމުންފަދަ ޢާންމު މުސްލިމަކީމެވެ. އަހަރެންގެ ކުރިމަތީން މީހުން ދުރުކުރަމުން ދިޔުމުގެ ބޭނުމެއް ނެތެވެ.]
ހަވަނަ ބާބުގައި ވަނީ ޚަލީފާކަން ލިބިވަޑައިގަތީމާ ވެރިކަމުގެ ނިޒާމު އިސްލާހު ކުރައްވާން ކުރެއްވި މަސައްކަތްޕުޅުގެ ވާހަކައެވެ. އެ އިސްލާހުތަކުގެ ތެރޭގައި ޣަޞްބުން އަތުލެވިފައި ހުރި މުދާތައް އެތަކެތީގެ ވެރީންނަށް ލިބިދެއްވުމާއި، ބައިތުލްމާލު އިސްލާހުކުރެއްވުމާއި ރައްކާތެރިކުރެއްވުމާއި، އަދުލު އިންސާފު ގާއިމުކުރެއްވުމާއި އެންމެން ހަމަހަމަކުރެއްވުމާއި، ޖަލު އިސްލާހުކުރެއްވުމާއި، ޝަރުއީ ދާއިރާ ހަރުދަނާ ކުރެއްވުމާއި، އިސްލާމްދީނުގެ އިލްމު ފެތުރުއްވުމާއި ޚަވާރިޖުންގެ މައްސަލަ ހައްލުންކުރެއްވުނެ ހިމެނެއެވެ.
ހަތްވަނަ ބާބުގައި ވަނީ ޢުމްރު ބުނު ޢަބްދިލްޢަޒީޒު އަވަހާރަވުމުގެ އާލާސްކަންފުޅާއި، އަވަހާރަވުމާއި ތަރިކައާއި، އެކަލޭގެފާނު އަވަހާރަވުމުން މުޅި އުއްމަތަށް ކުރި އަސަރުގެ ވާހަކައެވެ. ފާރޫޤް ލިޔުއްވައިފައި ވެއެވެ. [محمّد بن معبد رحـمــه اللّـه ވިދާޅުވެފައިވެއެވެ. [އަހަރެން ރޯމުގެ ޤައިޞަރުގެ ދަރުބާރަށް ދިޔުމުން ފެނުނީ ޤައިޞަރު ވަރަށް މޮޅިވެރިގޮތަކަށް ބިންމަތީގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ. އަހަރެން ދެންނެވީމެވެ. ކޮން ޙާލުކޮޅެއްތޯއެވެ؟ ޤައިޞަރު ވިދާޅުވިއެވެ. ކަލޭގެ ޚަބަރެއް ނާހަމުހެއްޔެވެ. ޞާލިޙު ފިރިހެނާ އަވަހާރަވެއްޖެއެވެ. އަހަރެން ސުވާލު ކުރީމެވެ. އެއީ ކާކުތޯއެވެ. ވިދާޅުވިއެވެ. އެއީ މުސްލިމުންގެ أمير عمر بنعبد العـزيـز އެވެ. އެހެން ވިދާޅުވެފައި އިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. عيسى عليه السّلامއަށްފަހު އެއްވެސް މީހަކަށް މަރުވެފައިވާ މީހަކު ދިރުވޭނެނަމަ އެމީހަކަށްވީހީ عمر بن عبد العـزيـز އެވެ. ދުނިޔެ އަޅައިފައި ގޭގެ ދޮރުލައްޕައިގެން އަޅުކަމާ މަޝްޣޫލުވި ރާހިބަކާ މެދަކު އަހަރެން ޢަޖާއިބެއް ނުވަމެވެ. އަހަރެން ޙައިރާންވަނީ ދުނިޔެ އޭގެ ޒީނަތްތެރިކަމާއި ޗާރާކަމާއި ރީތި ކުލަތަކާއެކު އެބޭފުޅެއްގެ ފައިތިލަފުޅުގެ ދަށުގައި ވަނިކޮށް އެދުނިޔޭގައި ކޮޅުފައިން ޖައްސަވައިފައި ރާހިބެއްގެ ދިރިއުޅުން ޚިޔާރުކުރެއްވި އާދަޔާޚިލާފު ޝަޚްޞިއްޔަތާ މެދުގައެވެ.]
އަށްވަނަ ބާބުގައި ވަނީ އެކަލޭގެފާނުގެ އަމިއްލަފުޅު ޝަޚްސިއްޔަތުގެ ވާހަކައެވެ. ޢިލްމުވެރިކަމާއި އަޅުވެރިކަމާއި ސާދާ ދިރިއުޅުއްވުމާއި ކޯފާމަދުކަމުގެ ވާހަކައާއި މިފަދަ އެހެން ރީތި ސިފަފުޅުތަކުގެ ވާހަކައެވެ. އެކަލޭގެފާނުގެ ސާދާ ދިރިއުޅުވުން ބަޔާންކޮށް ދެއްވަމުން ފާރޫޤް ލިޔުއްވައިފައި ވެއެވެ. رجاء بن حيواة رحـمــهاللّـه ވިދާޅުވެފައިވެއެވެ. [ޚަލީފާކަން ލިބިވަޑައިގަތުމުގެ ކުރީން عمر بن عبد العـزيـز އަކީ އެންމެ ރީތި ހެދުންކޮޅު ތުރުކުރެއްވި، އެންމެ މީރުވަސްދުވާ އަތަރު ބޭނުންކުރެއްވި، އެންމެ ފަތަރާސީ ހިންގެވުމެއް ހިންގެވި އަމީރެވެ. ނަމަވެސް ޚަލީފާކަން ލިބިވަޑައިގަތުމަށްފަހު އެހުރިހާ ކަމެއް މާޒީގެ "މުސްކުޅި ވާހަކަ" ތަކަކަށް ވެއްޖެއެވެ. ތުރުކުރައްވަން ގެންގުޅުއްވީ ވަރަށް އާދައިގެ ފޮއްޗެއްގެ އެންމެ ހެދުންކޮޅެކެވެ. އެ ހެދުންކޮޅުވެސް އޮންނަނީ ފޮއިމަތީގައި ފޮތިއަޅައިފައެވެ. ދޮންނަވަ ދޮންނަވައިގެން ތުރުކުރައްވަނީ އެ ހެދުންކޮޅެވެ.]
ނުވަވަނަ ބާބަކު ޚާއްސަ ކުރައްވައިފައި ވަނީ ޢުމަރު ބުނު ޢަބްދިލްޢަޒީޒުގެ ވެރިކަމުގެ އަސަރު ޢައްމުންނަށް ފޯރި ހެޔޮ ގޮތުގެ މައްޗަށާއި އެކަލޭގެފާނުގެ ދާޚިލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތުގެ ނަތީޖާގެ މައްޗަށެވެ.
ޢަބްދުﷲ ފާރޫޤް ޙަސަންގެ އައު ފޮތް [ޢުމަރު ޘާނީ: ޢުމަރު ބިން ޢަބްދިލްޢަޒީޒު ރަޙިމަހުﷲ] އަކީ އިސްލާމީ ތާރީޚުގެ ވަކި ދައުރެއްގެ މައްޗަށް ވަރަށް ރަނގަޅަށް އަލި އަޅުއްވައިފައިވާ އަގުހުރި ފޮތެކެވެ. މައުލޫމާތު މުއްސަނދި ފުރިހަމަ ފޮތެކެވެ. މި ފޮތް ލިބިވަޑައިގަންނަވާނީ ރާދަ ބުކްޝޮޕުންނާއި އަސްރަފީ ބުކްޝޮޕުންނެވެ. އަގަކީ 180 ރުފިޔާއެވެ.
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް