މިސްކިތެއްގެ ހުރުމަތް ކެނޑި މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު، މިސްކިތެއްގެ ތެރެއަށް ބޮޑުކަމުގޮސްގެން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 04:14 ހާއިރު މަސްޖިދުލް ފުރްގާނަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، މިސްކިތް ތެރެއަށް ގަޟާއުހާޖާކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ (32އ) އެވެ.

ފުލުހުން މިރޭ ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ނައުޝާދަކީ މީގެ ކުރިން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިޖީއެމްއެޗް އެތެރޭގައި ހުންނަ މިސްކިތުގައި ތެރޭގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ. އޭގެ ކުރިން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި މާލޭ ސުކޫލަކަށް ވަދެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް އޭނާ ހިމެނެއެވެ.