ޑިފެންސް މިނިސްޓްރީއަށް ސްޓާލިންކް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ވަކި ހާއްސަ ހުއްދަތަކެއް ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން، ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް ކޯޕަރޭޝަން (ސްޕޭސް އެކްސް) ގެ ސްޓާލިންކް ރީސެލާ ހުއްދަ އޮންނަން ޖެހޭނެއެވެ. އޭގެ އިތުރުން، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކުރާ 'ސެޓެލައިޓް ޓާމިނަލް ވެންޑާ ލައިސަންސް' ވެސް އޮތުމަކީ ލާޒިމު ކަމެކެވެ. މި ދެ ހުއްދަ ނެތް ފަރާތްތަކަށް މި މަސައްކަތަށް ކުރިމައްޗެއް ނުލެވޭނެއެވެ.
މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީން ކަނޑައަޅާފައިވާ ދެ ހުއްދަ އީމެއިލް މެދުވެރިކޮށް ފޮނުވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް އީމެއިލް ކުރުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެ ގަޑީގެ ފަހުން ލިބޭ އީމެއިލްތަކަށް މައުލޫމާތު ފޯރުކޮށްނުދޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އީމެއިލް ކުރަންޖެހޭ އެޑްރެހަކީ [email protected] އެވެ.
އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ޑިފެންސް މިނިސްޓްރީގައެވެ. އަންދާސީހިސާބު ހުށަހަޅާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 815 ރުފިޔާ ހުށަހަޅަން ޖެހެއެވެ. މި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
ބިޑް ސެކިއުރިޓީ ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 3327881 އަށް ގުޅުމަށާއި، މެސެޖުކުރުމަށް 9772601 އަށް ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ރާއްޖޭގައި ސްޓާލިންކް އިންޓަނެޓުގެ ހިދުމަތްދިނުމުގެ ހުއްދަ، ކޭމް އިން ދޫކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް 24 ގައެވެ. ކޭމް އިން އެ ހުއްދަ ދޫކޮށްފައިވަނީ ސްޓާލިންކް ސާވިސަސް މޯލްޑިވްސް އަށެވެ.
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ކޮމެންޓް