ސެމްސަންގުން އަލަށް ނެރުމަށް ތައްޔާރުވަމުން އަންނަ އޯޕަން-އިޔަރ ވަޔަރލެސް އިއަރބަޑްސް، "ގެލެކްސީ ބަޑްސް އޮން" އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލީކުވެއްޖެއެވެ.

ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ސެމީގުރޫއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައުލޫމާތުތައް ފެނިފައިވަނީ ސެމްސަންގުގެ ބަޑްސް މެނޭޖަރ އެޕްލިކޭޝަންގެ ތެރެއިންނެވެ.

ލީކުވެފައިވާ ކުރެހުންތަކުން ފެންނަ ގޮތުގައި، މިއީ ކަންފަތުގެ ބޭރުން އަޅުވައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ ކްލިޕް-އޮން ޑިޒައިންގެ އިއަރބަޑްސްއެކެވެ. މީގެ ކުރިން "ބަޑްސް އޭބަލް" ގެ ނަމުން ނަންދެވިފައިވާ މި އިއަރބަޑްސް ފަރުމާކޮށްފައިވަނީ، ސްޕީކަރު ހިމެނޭ ބަޔާއި ބެޓެރީ ހިމެނޭ ބައި ސިލިކޯން ލޫޕަކުން ގުޅުވާލައިގެންނެވެ. އަދި ޗާޖުކުރުމަށް ޕޯގޯ-ޕިން ކަނެކްޓަރުތަކެއް ހިމަނާފައިވާއިރު، ކޮންޓްރޯލް ކުރުމަށް ޓަޗް ސެންސަރުތަކެއްވެސް ހުރެއެވެ. މި އިއަރބަޑްސް ކަޅު އަދި ހުދު ކުލައިން ލިބެން ހުންނާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ސެމީގުރޫއިން ހާމަކުރި ގޮތުގައި، މި އިއަރބަޑްސްގައި ހިމެނޭނެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ "އޮޓޯ ވޮލިއުމް" އެވެ. މިއީ ވަށައިގެންވާ މާހައުލުގެ އަޑުގަދަ މިންވަރަށް ބަލައި، އަމިއްލައަށް އަޑު މަޑުކޮށް ގަދަކޮށްދޭ ފީޗާއެކެވެ. މީގެ އިތުރުން، ބޯ ހަރަކާތްކޮށްގެން ކޯލުތަކަށް ޖަވާބުދިނުމާއި، ވޮއިސް މެމޯ ރެކޯޑުކުރުމުގެ އިތުރުން، ބިކްސްބީ އަދި ގޫގުލް ޖެމިނައި މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަން ހޯދޭނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އިއަރބަޑްސް ޖަހައިގެން އޮވެ ނިދިއްޖެނަމަ، އަމިއްލައަށް އޯޑިއޯ މެދުކަނޑާލާ ފީޗާއެއްވެސް މީގައި ހިމެނެއެވެ. ނަމަވެސް، މި ފީޗާ ބޭނުންކުރެވޭނީ ވަން ޔޫއައި 9.0 އިން ފެށިގެން މަތީގެ ސޮފްޓްވެއަރ ހުންނަ ފޯނުތަކުގައި ކަމަށް މީޑިއާތަކުން ބުނެއެވެ. މިއީ އޯޕަން-އިޔަރ ޑިޒައިނަކަށް ވުމާއެކު، އެކްޓިވް ނޮއިސް ކެންސެލޭޝަން (އޭއެންސީ) އަދި 360 އޯޑިއޯ މީގައި ނުހިމެނޭނެ ކަމަށް ބެލެވޭ ކަމަށް ނައިންޓުފައިވްގޫގުލް އިން ރިޕޯޓުކޮށްފައިވެއެވެ.

މި މައުލޫމާތުތައް ލީކުވެފައިވީ ނަމަވެސް، ސެމްސަންގުން މިހާތަނަށް "ގެލެކްސީ ބަޑްސް އޮން" އާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި އިއަރބަޑްސް ބާޒާރަށް ނެރޭނީ މި އަހަރުގެ ފަހު ކުއާޓަރުގައެވެ.