އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއާއި ސެނެޓުގެ އަގުލަބިއްޔަތު ކުރިއަށް އޮތް މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބިއްޖެ ނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދެއްވާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓެކްސަސްގެ ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ މިޑްޓާމް ކޮންވެންޝަންގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، "ޓްރަމްޕް ޑިވިޑެންޑް"ގެ ނަމުގައި ދޭ މި ފައިސާއަކީ ކާމިޔާބު ކުންފުނިތަކުން ހިއްސާދާރުންނަށް ފައިދާ ބަހާ އުސޫލުން ދޭނެ ފައިސާއެކެވެ. އަދި މި ފައިސާ ހަރަދުކުރަން ޖެހޭނީ ހަމައެކަނި އެމެރިކާގެ އެތެރޭގައި ކަމަށް ވިދާޅުވިއެވެ.

މި ފައިސާ ދޭނެ ގޮތުގެ ތަފުސީލެއް ޓްރަމްޕް ހާމަކުރައްވާފައި ނުވި ނަމަވެސް، ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ގޮތުގައި މިކަމަށް ފައިސާ ހަމަޖައްސާނީ އިމްޕޯޓު މުދަލުން ނަގާ ޓެރިފް ނުވަތަ ޑިއުޓީންނެވެ. އަދި މުއްސަނދިންނަށް މި ފައިސާ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގައި 240 މިލިއަނަށް ވުރެ ގިނަ ބޮޑެތި މީހުން ތިބިއިރު، މިކަމަށް ގާތްގަނޑަކަށް 1.2 ޓްރިލިއަން ޑޮލަރު ހަރަދުވާނެއެވެ. އަދި މި ފައިސާ ދޫކުރެވޭނީ ކޮންގްރެސްގެ ރުހުން ލިބިގެންނެވެ.

މި ހުށަހެޅުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންނާއި އިގުތިސާދީ މާހިރުން އަންނަނީ ފާޑުކިޔަމުންނެވެ. ކޮމިޓީ ފޯ އަ ރެސްޕޮންސިބަލް ފެޑެރަލް ބަޖެޓް ފަދަ އިދާރާތަކުން ބުނާ ގޮތުގައި، މި ފައިސާ ދޫކުރުމަކީ އެމެރިކާގެ ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވެ، އިންފްލޭޝަން މައްޗަށް ދާނެ ކަމެކެވެ. ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވި ގޮތުގައި މިއީ ޓެކްސް ދައްކާ މީހުންގެ ފައިސާއިން ވޯޓު ގަތުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެކެވެ.