ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކޮށް ޕެޑެލް ކުރަން ހުއްދަ ދިން މީހަކު 10 އަހަރަށް ޖަަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގ. ޕެލިކަން ގޭގެ ގްރަންޑް ފްލޯގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ބެހޭ ކަންކަން ކޮށްގެން އެ މައްސަލައިގައި ހުކުމް ކުރީ އެގޭ އިބްރާހިމް ނާޒިމުގެ މައްޗަށެވެ.

މި މައްސަލައަކީ އަމްޖަދު ރިގާބް އާއި މުހައްމައު ނާއިފް އިތުރު ބަޔަކާއެކު ގ. ޕެލިކަން ގޭގައި މަސްތުވާތަކެތި ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާކަަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ 19:30 އެހާކަންހައިރު ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރުމަށް އެގެއަށް ގޮސް އެ ގޭގެ ބޭރު ގޭޓް ހުޅުވުމަށް ބުނުމުން ގޭޓް ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ ގެއަށް ވަދެ ހިންގި އޮޕަރޭޝަނާ ގުޅޭ މައްސަލައެކެވެ.

މި އޮޕަރޭޝަންގައި ފުލުހުން އެ ގެއަށް ވަންއިރު އެ ގޭގެ ގްރައުންޑް ފްލޯގައި އަމްޖަދު ރިގާބް އާއި މުހައްމަދު ނާއިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުންގެ ހާޒިރުގައި ގެ ބަލައި ފާސްކުރިއިރު އެކި ތަންތަނުގައި އެކި އަދަދުގެ ކެނަބިސް ފެނިފައިވެއެވެ.

މިގެއަކީ މިގެއިން މަސްތުވާތަކެތި ގަންނަން ލިބޭ ކަމަށާއި މި ގޭގައި މައްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ތަފާތު އެކި ފަހަރުމަތިން ފުލުހުން ގޮސް މީހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައިވާ ގެއެކެވެ.

މި މައްސަލައިގައި އިބްރާހިމް ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވަނީ މި ގެއަކީ އެގެއަށް ނިސްބަތްވާ އިބްރާހިމް ނާޒިމްގެ ބެލުމުގެ ދަށުގައި ހުންނަ ގެއަކަށްވެފައި، މި ގޭގައި މައްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާ ކަަމަށް ގަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އިބްރާހިމް ނާޒިމް އެކަން ހުއްދަކޮށްފައިވާތީއެވެ.

ނަމަވެސް މި ދައުވާއަށް ޖަވާބުދާރީވަމުން ނާޒިމް ބުނެފައިވަނީ މި ތަނަކީ އަމްޖަދު އާއި އިތުރު ކުއްޖަކަށް ކުއްޔަށް ދީފައިވާ ތަނެއް ކަަމަށާއި، އެތަން ބަލައި ފާސްކުރުމަށް ފުލުހުންނަށް ހުއްދަ ދީފައިވާނެ ކަމަށާއި އޭނާ ހުއްޓައި އެތަނުގައި އެކަހަލަ ކަމެއްނުކުރާ ކަމަށާއި އެ މައްސަލައިގައި ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި ދައުވާއަށް އިންކާރުކުރާ ކަމަށެވެ.

ނަމަވެސް ހުށަހެޅުނު ހެކިތަކަށް ބަލާއިރު އެތަނަކީ، 2014 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ އެކި ކުށްތައް ހިންކަމުން އަންނަކަމުގެ ރެކޯޑް އޮތް ގެއެކެވެ.

ކުރިމިނަލް ކޯޓުން މި މައްސަލަ ނިންމި ރިޕޯޓްގައި ވަނީ ތިން ފަންގިފިލައަށް ހުންނަ މި ގޭގެ ފްރައުންޑް ފްލޯ އަކީ ދިރިއުޅެން ބަޔަކަށް ކުއްޔަށްދީފައިވާ ތަނެއް ކަަމަށް ނާޒިމް ބުނާ އިރު، އެތަނުގައި ބަޔަކު ދާއިމީގޮތެއްގައި ދިރިއުޅެން ބޭނުން ހިފާނެ ހަމައެއްވެސް ވަސީލަތެއް ފެންނަން ނެތް ކަމަށެވެ. ހިފާ ގެންގުޅޭ ސާމާނާއި ކައްކައި ކައިބޮއި ހަދާނެ ސާމާނާއި ނިދާ ތަންމައްޗެއް ފަދަ މިންވަރުވެސް ނެތްކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލައިގައި ހުށަހެޅުނު ހެކިންނަށް ބަލާ އިރު، ގެއެއްގެ ނުވަތަ އިމާރާތެއް، ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ދިނުމުގެ ހާލު އޮތްކަން ގަބޫލު ކުރާނެ ފުރުސަތު އޮތުމުންނާއި، އެތަނުގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން އެކަމަށް ހުއްދަ ދިނުމުގެ ކުށުން ނާޒިމް ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.