ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އަށް އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތެއް ނުކޮށް ހުރި ތަންތަން އުވާލާގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް އެކުލަވާލައިފިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާ މެދު އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގަވައިދުގެ ދަށުން އަށް އަހަރަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަން ބާތިލުކުރުމަށް ވަނީ ހިމަނައިފައެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ތެރެއިން، މަސައްކަތް ކުރިއަށް ނުގޮސް ބައެއް ތަންތަން 25 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއްވެސް ފަރާތަކަށް އެއްވެސް މަސައްކަތެއް ނުކޮށް، ފަޅު ރަށްރަށާއި ބިންތައް ނަގައިގެން ދިގު މުއްދަތެއްގައި އެހެން ތިބުމަކީ އެއްގޮތަކަށްވެސް އޮވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
"މިއީ ވަރަށް ދިގު މުއްދަތެއްގެ ތެރޭގައި ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމަށް އެދެމުން ގޮސްފައިވުމުގެ ނަތީޖާ. މި ފަށާ މަސައްކަތުން މީގެ ރިކަވަރީއެއް ލިބޭނެ ކަމަށް ގަބޫލުކުރަން" މިނިސްޓަރު ވިދާޅުވިއެވެ.
މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި އަލުން ތަރައްގީކުރުމަށް ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. އަދި ތަރައްގީނުކޮށް ގިނަ ދުވަސްވެފައިވާ ތަންތަނާމެދު އަމަލުކުރާނެ ހާއްސަ އިޖުރާއާތުތަކެއްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ނުދާ ތަންތަން ހަތަރު ގިންތިއަކަށް ބަހައިގެން މައްސަލަ ހައްލުކުރެވޭނެ ގޮތަށް ގަވާއިދު އެކުލަވާލާފައިވާ އިރު، މަސައްކަތް ފަށުމަށްފަހު ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމާއި އަށް އަހަރަށްވުރެ އިތުރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތްނަމަ ވަގުތުން އެއްބަސްވުން އުވާލުމަށް ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ މި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ބައެއް އެއްބަސްވުންތައް އުވާލެވި، ހުއްޓިފައިވާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް އަލުން ފެށިގެންދާނެ ކަމަށެވެ.
އަލީ ޔާމިން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް