ފ. ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް ނަގަން ނިންމައި، ރަށްވެއްސަކަށްވާނަމަ އެލަވަންސެއް ދޭން އެ ރަށު ކައުންސިލުން ބުނެފިއެވެ.

ބިލެތްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށުގެ ރަށްވެހިކަމުން ވަކިވުމަށް އެދޭ ފަރާތްތަކުން އަތުން ފީއެއް ނެގުމާއި، އެހެން ރަށެއްގެ ދަފްތަރުން ކެންޑިގެން ބިލެތްދޫގެ ރަށްވެއްސަކަށް އެދި ބަދަލުވާ ފަރާތްތަކަށް އެލަވެންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރަށުގެ ރަށްވެހިކަމުން ވަކިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ. އަދި އެހެން ރަށެއްގެ ދަފްތަރުން ކެނޑިގެން ބިލެތްދޫގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް 2500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ނިންމައިފައެވެ.

ޅ. ހިންނަވަރު ކައުންސިލުން ވެސް ވަނީ މިދިޔަ މަހު އެފަދަ ނިންމުމެއް ނިންމައިފައެވެ. އެއީ ހިންނަވަރުގެ އާބާދީ މަދުވާތީ، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000 ރުފިޔާގެ ފީއެއް ނަގާ ގޮތަށް ނިންމި ނިންމުމެކެވެ.