ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދުގެ އުމުރު ކަނޑައަޅައި، އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަަމަލު ކުރަން ފެށުމުން، މުސްކުޅި ކުރާ އުޅަނދު އެއްލާލަން ނުޖެހޭނެ ކަމަށާއި އެއިރެއްގައި އެ އުޅަނދަކަށް ހަމަޖެހޭ އަގެއް އުޅަނދުގެ ވެރިފަރާތަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އާ ގާނޫނަށް އަމަލުު ކުރާއިރު ހަމަޖައްސަންޖެހޭ ކަންތައްތަަކާބެހޭ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ގްރޭޓާ މާލޭގެ ސަރަހައްދުގައި ދުއްވޭނެ އުޅަނދު ފަހަރުގެ އުމުރު ކަނޑައެޅުމަށް އަމަލުކުރަން ފަށާނީ ގާނޫނުގައި ބުނާ ތިން އަހަރު ދުވަސް ހަމަވުމުން ކަމަށެވެ.

އެގޮތަށް އަަލު ކުރަން ފަށާއިރު، އުމުރު ހަމަވެ މުސްކުޅިވާ އުޅަނދު ފަހަރު އެއްލާލަން ވެރިފަރާތަށް ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްވެސް އުމުރަކަށް ވެހިކަލް ދިޔައިމަ އެއްލާލާކަށް ނުޖެހޭނެ ސަރުކާރު، ނުވަތަ ސަރުކާރުން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން އެ ވެހިކަލަށް އޭރު ދޭންޖެހޭ އަގެއްދީފަ އެ ނަގާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ ރައްޔިތުންނަށް ތަކުލީފަކަށްނުވެ އެކަން ކުރެވޭނެ ގޮތަަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުން ކަނޑައެޅުއްވި ގޮތް ކަަމަށެވެ. އަދި އާމްދަނީ ހޯދަން ވެހިކަލް ދުއްވާ ފަރާތްތަކަށްވެސް ރަނަގަޅު އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދަޅުވިއެވެ.

"އެގޮތުން އެމްޕީއެލް ސަރަހަައްދުގައި ރެއާއި ދުވާލު މަސައްކަތްކުރާ މަޖޫރީ، ވެހިކަލް ޑްރައިވަރުންނާ އަޅުގަނޑުމެން ބައްދަލުކުރިން. އެބޭފުޅުންނަކީ ވެހިކަލްތައް ވަަރަށް ރަނގަޅަށް ބަލަހައްޓާ މީހުން އެބޭފުޅުން ކަންބޮޑުވެ ސުވާލުކުރި އެ ވެހިކަލްތައް ވެސް ޖެހޭނީ އެއްލާލަންހޭ، އަޅުގަނޑުމެން ދެންނެވިން އެއްގޮތަކަށްވެސް ތީތި އެއްލާލާނެކަމެއް ނެތޭ، ނުވަތަ ބާކީވެސް ނުވާނެއޭ މިނިސްޓްރީއަކުން އެކަން އެގޮތަށް އިންތިޒާމެއްވެސް ނުކުރާނަމޭ، މިނިސްޓްރީން އެފަދަ އިންތިޒާމެއް ހަމަޖައްސަންޏާ އެބޭފުޅުންނަށް އެފަދަ ވެހިކަލެއް ލިބޭނެ އިންތިޒާމަކާއެކު ސޮލިއުޝަނެއް ނެރެން ޖެހޭނީ. އެއީ އިކޮނިމިކް ސެކްޓާއެއްގައި މަސައްކަތްކުރާ ބަޔަކު އެގޮތަކަށެއް އަޅުގަނޑުމެންނަކަށް ސޮލިއުޝަނެއް ނުދީ އިންތިޒާމެއް ހަމަޖައްސައިނުދީ، އަންއެންޕްލޯއީއެއް ނުކުރެވޭނެ،"

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ތަކުލީފެއް ނުޖެހޭގޮތަށް ބަދަލެއް ނުދީ އެކަން އެގޮތަށް ނުކުރާނެ ކަަމަށާއި، މުސްކުޅިވާ ވެހިކަލަށް ބަދަލުދީފައި ސަރުކާރަށް ނަގައިގެން ނަމަވެސް އެކަން ކުރިއަށްގެންދާނީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ކަމަށެވެ.