ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު ޕްރޮގްރާމްގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، މީގެ ތެރެއިން މިދިޔަ މަހުގެ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 5.4 ބިލިއަން ރުފިޔާއެވެ.

މި މަޝްރޫއުތަކަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އިގުތިސޯދީ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް 1.6. ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތަކަށެވެ.

ދައުލަތުގެ އާންމު ހިދުމަތުގެ ދާއިރާއިން 646 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ އިރު، ބޯހިޔާވަހިކަމުގެ ދާއިރާއަށް 539 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ސިއްހީ ދާއިރާއަށް 242 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދު ދަށްވުމަކީ، މަޝްރޫއުތައް ހިންގުމުގެ ހަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށް ފިނޭންސުން ބުންޏެވެ.