މުޅި މާލޭގެ ޓްރެފިކް އެއްކޮށް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަަމަލު ކުރަން ފަށާއިރު ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް މާލޭ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ރައްކާތެރި އަދި ފަސޭހަ ތަންތަނަށް ހެދުމަށްޓަކައި އެ ގާނޫނު ތަންފީޒުކުރުމަށް ކުރަން ނިންމާފައިވާ ކަންތައްތަކާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މާލޭ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ ބޮޑު މައްސަލައަށް ހައްލު އަންނާނީ، މާލެ ސަރަހައްދަކީ ވެހިކަލް ރަޖިސްޓްރީ ކޮންޓްރޯލް ޒޯންއަކަށް ހަދައިގެން ކަމަށެވެ.

އާ ގާނޫނުގައި އެގޮތަށް ކަނޑައަޅާފައި ވަނީ ވެސް މަގުތަކަކީ އަމާން ތަނަކަށް ހެދުމުގެ ވަށާޖެހޭ މަސައްކަތްތައް ކުރިއަށްގެންދަން މަގުފަހިކުރުމަށް ކަމަށެވެ.

އާ ގާނޫނުން އުފައްދަންޖެހޭ، ގްރޭޓާ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ލަފާދިނުމަށް އެ ގާނޫނުގައި ކަނޑަައަޅާފައިވާ ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް އެޑްވައިޒަރީ ކޮމިޓީގެ ވެސް މެންބަރު ސައީދު ވިދާޅުވީ، އެގޮތަށް ގާއިމުކުރާ ޓްރެފިކް މޮނިޓަރިން ސެންޓަރުގެ ތެރޭގައި ފުލުހުންގެ ފުލް ކޮންޓްރޯލާއެކު ވަކިވަކި މަގުތައް މޮނިޓާ ކުރުމާއި ވަކިވަކި މަގުތައް ބަަަލައިލުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށެވެ.

"ރިޔަލް ޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމުކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް. މި މަސައްކަތް ބޭރުގެ އެހީ ހޯދއިގެން ނަމަވެސް ކުރަމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ގާނޫނުގައި ކަނޑައަޅާފައި އޮތް އެއް އޭރިއާ،" މިނިސްޓަރު ވިދާޅުވިއެވެ.