ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ނުއަގުގައި ބިމެއް ވިއްކާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ، އިންސާފު ނުލިބި 23 އަހަރު ވެފައިވާ އުމުރުން ދުވަސްވީ މީހެއްގެ މައްސަލައެއް އެންމެ ގޯސްކޮށް މާނަކޮށްގެން ފަތުރަމުންދާ ވާހަކަތަކެއްކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހައުސިން މިނިސްޓްރީގެ އިންޓާނަލް މެމޯގައިވާ ގޮތުން ހުޅުމާލެއިން ދޫކޮށްފައިވަނީ 1،250 އަކަފޫޓުގެ ބިމެކެވެ. އެ ބިން ދޫކޮށްފައިވަނީ އަކަފޫޓަކަށް 375 ރުފިޔާގެ މަގުން، ޖުމްލަ 468,750 ރުފިޔާއަށެވެ. އަދި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޑްވާންސްގެ ގޮތުގައި 50،000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ ފަސް އަހަރު ދުވަހަށް ބަހާލައިގެންނެވެ.

އެ ލިޔުންތައް އާންމުވުމާއެކު ސަރުކާރަށާއި ބިން ލިބުނު ފަރާތަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މެމޯ ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ހޯދުމަށް 23 އަހަރު ވަންދެން މަސައްކަތްކުރި އުމުރުން ދުވަސްވީ މީހަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައްސަލައިގެ ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން، ބިމާ ގުޅޭ ފުރިހަމަ ތަފުސީލުތައް ހިމަނައިގެން މާދަމާ ނޫސް ބަޔާނެއް ނެރޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.