ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ހެޔޮއެދުން އަރިސް ކުރަމެވެ. މިދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަން ފެށުނީ 1967ގައެވެ. މީގެ 115 އަހަރުކުރިން 1911ގައި، ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ކަމާބެހޭ މުހިންމު މައުލޫމާތުތަކެއް ސާފުވެގެންނެވެ. ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ 18400 (އަށާހާސް ހަތަރުސަތޭކަ) މީހުންނަށް ލިޔަން ކިޔަން އެނގެއެވެ. ލިޔަން ކިޔަން ނުދަންނަނީ 20844 (ވިހިހާސް އަށްސަތޭކަ ސާޅީސް ހަތަރެއް) ފިރިހެނުންނެވެ. 46 އިންސައްތަ ދަނެއެވެ. 54 އިންސައްތަ ނުދަނެއެވެ. ފިރިހެނުންގެ އާބާދީއަކީ، 39244 (ތިރީސް ނުވަހާސް ދުއިސައްތަ ސާޅީސް ހަތަރެއް)އެވެ. ރާއްޖޭގެ އާބާދީގެ އަންހެނުންގެ 14521 (ސާދަ ހާސް ފަަސްސަތޭކަ އެކާވީސް) މީހުންނަށް ލިޔަން ކިޔަން އެނގެއެވެ. ލިޔަން ކިޔަން ނުދަންނަނީ 18472 (އަށާރަ ހާސް ހަތަރުސަތޭކަ ހަތްދިހަ ދޭއް) އަންހެނުންނެވެ. 44 އިންސައްތަ ދަނެއެވެ. 56 އިންސައްތަ ނުދަނެއެވެ. އަންހެނުންގެ އާބާދީއަކީ، 32993 (ތިރީސް ދެހާސް ނުވަސަތޭކަ ނުވަދިހަ ތިނެއް)އެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (މީގެ 94 އަހަރު ކުރިން) 1932އިން ދިވެހި ރައްޔިތުން ކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ."

15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ. "

1932 އިން 1933 އަށް 1 އަހަރުގެތެރޭގައި އެންމެ ފުރަތަމަ ފާސްވި ޤާނޫނުތައް ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ. ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ޤާނޫނެކެވެ.

ރާއްޖޭގެރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932) 14 ވަނަ މާއްދާ ---

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932 އިން 1933 އަށް މަސައްކަތްކުރެެއްވިއެވެ. އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

1954ގައި އިލްޒާމީ ތައުލީމުގެ ޤާނޫނެއް ފާސްކުރެވި ލާޒިމު ކަންކަން އުނގަންނައިދެއްވުމަށް ކޮންމެ ރަށަކަށް ދައުލަތުގެ ފަރާތުން މުދައްރިސަކު އައްޔަން ކުރެވިފައިވެއެވެ.

ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ދާއިރާގައި މުޅިރާއްޖޭގައި ހިންގުނު އެންމެ ބޮޑު މަޝްރޫއަކީ 1980ގައި ފެށުނުއަސާސީ ތައުލީމުގެ މަޝްރޫއެވެ. 1980ގައި، މި މަޝްރޫއު ފެށުނުއިރު، ރާއްޖޭގެ 30 އިންސައްތައަށްވުރެ ގިނަމީހުންނަށް ލިޔަންކިޔަން ނޭނގެއެވެ. އަސާސީ ތައުލީމުގެ މަޝްރޫއަށް 10 އަހަރުވީއިރު (1990އާ ހަމަޔަށް) 98 އިންސައްތައަށްވުރެ ގިނަމީހުންނަށް ލިޔަންކިޔަން ދަސްކޮށްދެވުނެވެ. ވީމާ މިއީ ވަރަށް ކާމިޔާބު ގައުމީ މަޝްރޫއެެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.