މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ 20 ޕަސަންޓް ހިއްސާ ބޭރު ކުންފުންޏަކަށް އޮތުމަކީ ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށާއި، ލޯނު ހޯދުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ އިންފްރާސްޓްރަކްޗަރަށް 30 އަހަރު ވެފައިވާއިރު، އެ ވަސީލަތްތައް އާކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ކަމަށެވެ.

"މި ކުންފުނިން މިވަގުތު ބޮޑެތި ލޯނުތަކެއް ނެގޭކަށް ނެތް. ދައުލަތުން ދޭން ބެލިޔަސް އެހެން ބަޔަކު މީގެތެރޭގައި ތިބެންޏާ އެއީ އެހާ ފަސޭހަކަމަކަށް ނުވޭ. އެހެންވީމާ، ސައްތައިންސައްތަ ސަރުކާރު ކުންފުންޏަކަށްވީމަ އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ބޮޑެތި ފައިދާތައް. މިސާލަކަށް ތިލަމާލެ ބްރިޖަށް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ވިއްސަކަ މިލިޔަން ޑޮލަރު ގާތްގަނޑަކަށް. އަޅުގަނޑުމެންގެ ކުންފުނީގެ 20 މިލިޔަން ޑޮލަރުގެ އެސެޓް މޯގޭޖްކޮށްފައި ހިއެއްނުވޭ މީތި ނެގިދާނެހެން. އެހެންވީމަ، އެންމެ ރަނގަޅުގޮތަކީ ސަރުކާރުން އިންވެސްޓްކުރަން މަގުފަހިވެވޭނެ ގޮތަކަށް މި ސްޓްރަކްޗާ ބަދަލުކުރަން" ފަހުމީ ވިދާޅުވިއެވެ.

ހިޓާޗީގެ އަތުގައި އޮތް އެމްޑަބްލިޔުއެސްސީގެ 20 ޕަސެންޓް ހިއްސާ އަނބުރާ ސަރުކާރަށް ގަތުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އިއުލާނު ކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ހިންގުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓް ހިއްސާ ހިޓާޗީ ކުންފުންޏަށް ވިއްކާލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ކުންފުނީގެ ބާކީ 80 ޕަސެންޓް މިހާރުވެސް ހިއްސާކުރަނީ ދިވެހި ސަރުކާރުންނެވެ.