ޗާޓަރު ބޯޓަކަށް "ކުޅޭކުޅޭ ބޯޓެއް" ކަމަށް ބުނެ މީސްމީޑިއާގައި ކުރި މަލާމާތަކާ ގުޅިގެން، އޭވިއޭޝަން ކުންފުންޏަކުން ބޮލީވުޑްގެ އެކްޓަރު ނޯރާ ފަތޭހީއާ ދެކޮޅަށް 3 ކްރޯޑު ރުޕީސްގެ އަބުރުގެ ދައުވާއެއް ކޮށްފިއެވެ. އިންޑިއާގެ ގާންދީނަގަރުގެ ކޯޓަކަށް މި ދައުވާ ހުށަހެޅީ ޑިއުންސް އޭވިއޭޝަން ކުންފުނިންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހު މުމްބާއީއިން ޖައިޕޫރަށް ކުރި ދަތުރެއްގައި ނޯރާ ވަނީ އެ ކުންފުނީގެ ސެސްނާ ސައިޓޭޝަން މަރުކާގެ ބޯޓެއްގެ އެތެރޭގައި ވީޑިއޯ ނަގައި އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.

46 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ އޭނާގެ އެކައުންޓުގައި އާންމުކުރި ވީޑިއޯތަކުގައި އެ ބޯޓަކީ "ކުޅޭކުޅޭ ބޯޓެއް" އަދި "ލީގޯ ބޯޓެއް" ކަމަށް ސިފަކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ޑިއުންސް އޭވިއޭޝަނުން ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޯރާގެ އެ ވާހަކަތަކަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި އަދި އޭވިއޭޝަން ދާއިރާގެ ފަންނީ މައުލޫމާތެއް ނޭނގި ދައްކާފައިވާ ވާހަކަތަކެކެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ދަތުރުގައި ބޭނުންކުރި ބޯޓަކީ އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ މިންގަނޑުތަކަށް ފެތޭ، ރައްކާތެރި ބޯޓެކެވެ.

އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި، ނޯރާގެ އެ ވީޑިއޯތަކުގެ ސަބަބުން ކުންފުނީގެ އަބުރަށް ގެއްލުންވެ، ބުކިންތަކުގެ 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދެއް ވަނީ ދަށަށް ގޮސްފައެވެ. އަދި ގިނަ ބަޔަކު ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 ކްރޯޑު ރުޕީސް ހޯދުމުގެ އިތުރުން، އެ ވީޑިއޯތައް މީސްމީޑިއާއިން ނެގުމަށާއި އާންމުކޮށް މާފަށް އެދުމަށް ނޯރާގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ކުންފުނިން ވަނީ އެދިފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ގާންދީނަގަރުގެ ކޯޓުން ވަނީ ތާވަލުކޮށްފައެވެ. މި ދައުވާއާ ގުޅިގެން ނޯރާ ފަތޭހީގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.