އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާ ކަމަށާއި ނަމަވެސް އެއީ ސީރިއަސްކަމާއެކު ކުރިއަށްގެންދަން ރޭވި، ދާދި އަވަހަށް ފެށިގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމުގެ ވާހަކައަކީ ހަމައެކަނި ދަންނަވާލާ ވާހަކައެއް ނޫން ކަމަށާއި އެއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކުރިއަށްގެންދަން ބޭނުންފުޅުވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއާ ގުޅޭގޮތުން މިހާރު ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކުރެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މަޝްވަރާ ކުރެވިގެން މިހާރު ކެބިނެޓަށް އިއްޔެ ގެނެވުނު. ކެބިނެޓަށް ޕޭޕަރެއް ގޮތުގައި ހުށަހަޅައި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްގެންދިޔައީމަ އެ މުޅި މަޝްރޫއުގެ ތެރެއިން އަޅުގަނޑުމެން މިވަނީ މިހާރު ޕްލޭނެއް ހެދި، ޓައިމްލައިން ހެދި، ބަޖެޓް ހެދި، ހުރިހާ ކަމެއް ވެސް ކުރެވިފައި. އެހެންވީމަ، މަޝްރޫއު ފެށުމަށް މިހާރު މިއޮތީ އިއްޔެ ކެބިނެޓުގައި އެޕްރޫވަލް ލިބިފަ، ފާސްކުރެވިފަ. އެހެންވީމަ، ފަސް އަހަރު ދުވަހުގެ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިރާދަކުރެއްވިއްޔާ ދާދި އަވަހަށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން ފަށާނަން. ހުރިހާ ރަށެއްގަ ހިނގާނެ ކަމެއް މިއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއު ފެށުމުގެ މަޝްވަރާއަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ދައުވަތުދިން ނަމަވެސް، އެ ފަރާތްތަކުން އެ ދައުވަތު ގަބޫލުނުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި މުޖުތަމައުގައި އިހުތިރާމު އަދާކުރުމަކީ އެންމެންވެސް ބޭނުންވާނެ މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިހުތިރާމު އަދާކުރުމުގެ މަޝްރޫއަށް އިދިކޮޅު ޕާޓީތަކުން ދެކޮޅު ހެދުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި ގައުމާ މެދުގައި އިހުލާސްތެރިކަމާ އެކީގައި ދެކޭ ބަޔަކަށް އެންމެން ވެސް ވާން ޖެހޭ ކަމަށެވެ. އަދި އަމަލާއި ބަހުން އެކަން ދައްކަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ ބަޔަކު މިކަމައިގެން އުޅުނީމަ، އެއަށް ދެކޮޅު ހަދަނީ. ހުރިހާ ކަމަކަށް އިދިކޮޅު ހެދުމަކީ އެއީ ގޮތެއް ނޫން. އިދިކޮޅު ހަދަންޖެހޭނީ ގޯސް ކަންކަމަށް. ގައުމަށް ފައިދާހުރި ކަމަކަށް ވެއްޖެއްޔާ އެންމެން ވެސް އެކައްޗެއް ކިޔަން ޖެހޭ. އެހެންވީމަ އިހުތިރާމު އަދާކުރުމަކީ ރަނގަޅު ކަމެއް. އެކަން އާދަކުރަން އަޅުގަނޑުމެންނަށް ކުރީގައި އަޅުގަނޑުމެންގެ ގައުމުގައި، އަޅުގަނޑުމެން މިތާ ތިބި ވަރަށް ޒުވާން ކުދިން، ބޭފުޅުން، ތިބޭފުޅުންގެ މައިންބަފައިން، ކާފަމެން، މާމަމެން، މިއީ ވަރަށް އިހުތިރާމު އަދާކުރާ މުޖުތަމައެއް އޮތް ތަނެއް. އަވަށްޓެރިންނަށް، ކުޑަކުދިންނަށް، މުސްކުޅިންނަށް، އެންމެންނަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހަމައެކަނި އިމާރާތެއް އަޅައިގެން މި ގައުމެއް ކުރިއަކަށް ނުދާނެ ކަމަށާއި ކުރިއަށް އޮތްތާނގައި ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް