78 ވަނަ ކްރިއޭޓިވް އާޓްސް އެމީ އެވޯޑްސްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ އާއި ސަބްރީނާ ކާޕެންޓާ އެ މީހުންގެ ފުރަތަމަ އެމީ އެވޯޑު ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން ބޭޑް ބަނީގެ ސުޕަ ބޯލް ހާފްޓައިމް ޝޯއިން ވަނީ ޖުމްލަ ހަތް އެވޯޑު ހޯދައި، ތާރީހުގައި ވެސް އެންމެ ގިނަ އެވޯޑު ހޯދި ހާފްޓައިމް ޝޯގެ ރެކޯޑު މުގުރާލައިފައެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި މި ރަސްމިއްޔާތުގައި ބޭޑް ބަނީއަށް އެވޯޑު ލިބުނީ "އެޕަލް މިއުޒިކް ސުޕަ ބޯލް އެލްއެކްސް ހާފްޓައިމް ޝޯ" އިންނެވެ. އޭނާ ވަނީ ލީޑު ޕާފޯމަރު އަދި ޕްރޮޑިއުސަރުގެ ހައިސިއްޔަތުން "އައުޓްސްޓޭންޑިން ވެރައިޓީ ސްޕެޝަލް (ލައިވް)" ކެޓަގަރީން އެވޯޑު ހޯދައިފައެވެ. މި ޝޯއިން ވަނީ މިއުޒިކް ޑައިރެކްޝަން، ކޮރިއޮގްރަފީ އަދި ސައުންޑް މިކްސިން ފަދަ ޓެކްނިކަލް ހަތް ކެޓަގަރީއަކުން އެވޯޑު ކާމިޔާބުކޮށްފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 2022 ވަނަ އަހަރުގެ ހާފްޓައިމް ޝޯއަށެވެ. އެ ފަހަރު ލިބުނީ ތިން އެވޯޑެވެ.
ސަބްރީނާ ކާޕެންޓާއަށް އެމީ އެވޯޑު ލިބުނީ ޑިޒްނީ ޕްލަސް އިން ގެނެސްދިން "ދަ މަޕެޓް ޝޯ" ގައި އޭނާ އަދާކުރި އެގްޒެކެޓިވް ޕްރޮޑިއުސަރު އަދި ޕާފޯމަރުގެ ދައުރަށެވެ. އޭނާ އެވޯޑު ހޯދީ "އައުޓްސްޓޭންޑިން ވެރައިޓީ ސްޕެޝަލް (ޕްރީ-ރިކޯޑެޑް)" ކެޓަގަރީންނެވެ. މި ޝޯގެ ކޯ-އެގްޒެކެޓިވް ޕްރޮޑިއުސަރު މެޓް ވޯގަލް ގޯލްޑް ޑާބީއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، މި ޝޯ އުފެއްދުމަށް ވަރަށް މޮޅު ޓީމެއް އެކުލަވާލި ކަމަށާއި، މި ޕްރޮޖެކްޓާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
މި ރަސްމިއްޔާތު ހުށަހަޅައިދިން ކޮމީޑިއަން ވޮންޑާ ސައިކްސް ފާހަގަކުރި ގޮތުގައި، ޓީވީ ޝޯތައް އުފައްދަނީ މަދު ބައެއް ނޫން ކަމަށާއި، އެއީ އެތައް ހާސް ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ.
މީގެ ކުރިން ގްރެމީ އެވޯޑު ހޯދާފައިވާ ބޭޑް ބަނީ އާއި ސަބްރީނާ ކާޕެންޓާ، މި އެމީ އެވޯޑާއެކު މިހާރު ވަނީ އީގޮޓް (އެމީ، ގްރެމީ، އޮސްކާ، ޓޯނީ) ސްޓޭޓަސްގެ ދެބައިކުޅަ އެއްބަޔަށް ވާސިލުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ދެ ފަންނާނުން ވެސް އެވޯޑާ ހަވާލުވުމަށް ރަސްމިއްޔާތަށް ގޮސްފައެއް ނުވެއެވެ. އަދި މިހާތަނަށް ސޯޝަލް މީޑިއާގައި ވެސް މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ކޮމެންޓް