އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނާއި ކްރެޑިޓް ކާޑުގެ ދަރަނި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 9.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކުތަކުން ދޫކޮށްފައިވާ މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައި ބަލާއިރު 15 ޕަސަންޓު އިތުރުވުމެކެވެ.

މި އަހަރު ފެށުނުއިރު ކްރެޑިޓް ކާޑާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު ހުރީ 8.7 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މި އަދަދު ވަނީ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އަމިއްލަ ބޭނުންތަކަށް ނަގާ ދަރަނީގެ މިންވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން 2022 ވަނަ އަހަރު މި ބާވަތުގެ ލޯނުތަކުގެ އަދަދު ހުރީ 4.5 މިލިއަން ރުފިޔާގައެވެ. ނަމަވެސް، މިދިޔަ އަހަރު ނިމުނު އިރު މި އަދަދު ވަނީ 8.5 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މި ހިސާބުތަކުން ދައްކާގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި އެވްރެޖުކޮށް ކޮންމެ އަހަރަކުވެސް ލުއި ލޯނާއި ކްރެޑިޓް ކާޑުގެ ދަރަނި ބިލިއަނަކަށްވުރެ ގިނަ ރުފިޔާއިން އިތުރުވެފައިވެއެވެ. މީގެތެރެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި އިތުރުވެފައިވަނީ 2023 އިން 2024 އަށެވެ. އެ މުއްދަތުގެ ތެރޭގައި 2.1 މިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވެއެވެ.

އަމިއްލަ ބޭނުންތަކަށް ނަގާ ލޯނުތައް މިފަދަ ގޮތަކަށް އިންތިހާއަށް އިތުރުވަމުންދާއިރު، ބޭންކުތަކުން އެހެނިހެން ކަންކަމަށް ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ އަދަދުވެސް ވަނީ 41.3 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސަންޓުގެ އިތުރުވުމެކެވެ.