ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ހިނގާލުމެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާއި ފުލުހުންގެ އެކި އިދާރާތަކުގެ އިސްވެރިންނާއި އެ އިދާރާގައި މަސައްކަތް ކުރާ އާންމު މުވައްޒަފުން ބައިވެރިވިއެވެ.

މި ހިނގާލުން ކުރިޔަށްގެންދިޔައީ "ޔުނިޓީ ވޯކް" ނުވަތަ އެކުވެރިކަމުގެ ހިނގާލުމުގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

"އެއީ މުވައްސަސާގެ އެތެރޭގައި ވަރަށް ބޮޑަށް ގުޅުން ނުވަތަ އެކުވެރިކަން، އެއް ޔުނިޓް އަނެއް ޔުނިޓާ ގުޅިގެން މަސައްކަތްކުރާ، ކުރަންޖެހޭ މުވައްސަސާއެއް. ހަމަ އެގޮތަށް އެއް މުވައްސަސާ އަނެއް މުވައްސަސާއެއް ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ، އެޔަށް ވުރެ ބޮޑަށް އާންމު ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަން މިޖެހެނީ." ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި (ސްޕްރިޑެންޓް އޮފް ޕޮލިސް) ފުލުުހުންގެ ސްޕޯކްސް ޕާސަން އާރިފް ވިދާޅުވިއެވެ.

5 ސެޕްޓެމްބަރު 2026: ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހިނގާލުން --- ފޮޓޯ/ ފުލުހުން

އާރިފް އިތުރަށް ވިދާޅުވީ މިއަދުގެ ހިނގާލުމުގައި އެ އިދާރާގެ އެކި ވޯކިން ޔުނިފޯމްތައް ދައްކުވައިދީފައިވާނެ ކަމަށެވެ.

"އެއީ ވޯކިން ޔުނީފޯމް، އެއީ އާންމުކޮށް ފުލުހުން ބޭނުންކުރާ ނޫކުލައިގެ ޔުނީފޯމެވެ. އޮޕަރޭޝަނަލް ޔުނިފޯމް ހުންނަނީ ގަދަ ނޫކުލައިގައެވެ. އޮޕަރޭޝަނަލް އެހެން ޔުނީފޯމުތައް ހުންނަނީ ކެމަފްލާޖް ޔުނިފޯމްތަކެއްގެ ގޮތުގައި. އެއިން ރަމްޒުކޮށްދެނި ފުލހުންގެ މުވައްސަސާ އުފެދިގެން މިހާތަނަށް އައި އިރުގައި ފުޅާވެގެން އައިސްފައިވާ މިންވަރުވެސް،" އާރިފް ދިވާޅުވިއެވެ.

ހިނގާލުން ކުރިޔަށް ގެންގޮސްފައި ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލެ ވަށައެވެ.

5 ސެޕްޓެމަބރު 2026: ފުލުހުންގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު --- ފޮޓޯ/ ފުލުހުން

މި އަހަރުގެ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި ކުރިޔަށްގެންދަން ވަނީ ނިންމައިފައެވެ. ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ފުލުހުންގެ އިދާރާ ވަކި މުވައްސަސާއަކަށް ބަދަލުކުރީ 1 ސެޕްޓެމްބަރު 2004 ގައެވެ.