ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ހާއްސަ ސޭފްޓީ ސާވޭއެއް ފަށައިފިއެވެ.

އެފްޑީސީން ސޭފްޓީ ސާވޭއެއް ފަށާފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެ، ސްޓެލްކޯ ފުލެޓެއްގެ 12 ވަނަ ފަންގިފިލާއިން ދެ އަހަރުގެ ކުއްޖަކު ވެއްޓި މިދިޔަ އަންގާރަ ދުވަހު ނިޔާވެފައިވަނިކޮށެވެ.

އެފްޑީސީން އިއްޔެ ބުނި ގޮތުގައި މި ސާވޭގެ މައިގަނޑު މަގުސަދަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ ޔުނިޓުތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމެވެ.

މި މަސައްކަތުގެ ތެރެއިން، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ބައެއް ޔުނިޓުތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި ގޭބިސީތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.

4 ސެޕްޓެމްބަރު 2026، އަމާން ޓަވަރުތަކުގައި ދިިރިއުޅޭ ރައްޔިތުންނާ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައްދަލުކުރައްވަނީ -- ފޮޓޯ/ އެފްޑީސީ

މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

"އެގޮތުން، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން، އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް މިރޭ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމަކީ، އަމާން ޓަވަރުތަކުގައި ދިރިއުޅުއްވާ ވީހާވެސް ގިނަ ރައްޔިތުން މި މުހިންމު ހަރަކާތުގައި ބައިވެރިވެވަޑައިގަތުން،” ހަމްދާން ވިދާޅުވިއެވެ.

އެފްޑީސީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި ސެޝަނުގެ ބޭނުމަކީ އަލިފާން ރޯވާން ދިމާވާ ސަބަބުތައް ދެނެގަނެ، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ވެސް މި ސެޝަންގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށް އެފްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނި ގޮތުގައި، އަމާން ޓަވަރުތަކަކީ އާއިލާތަކަށާއި، ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެއެވެ.

އެފްޑީސީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް އަންނަނީ އެ ކުންފުނިން ބަލަހައްޓަމުންދާ ފުލެޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ފަދަ ތަންތަން މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.