މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ނެރުނު ކާމިޔާބު ކޮމެޑީ ފިލްމު "ހޭ ބޭބީ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފިކަން ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާ ކަށަވަރުކޮށްދީފިއެވެ. މިކަން އިއުލާންކޮށްފައިވަނީ، އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޕްރިމިއާ ކްރިސް މިންސް، މުމްބާއީގައި ހުންނަ ނަޑިއަޑްވާލާގެ އޮފީހަށް އިއްޔެ ކުރި ޒިޔާރަތެއްގައެވެ.

ނަޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން ވަނީ އޮސްޓްރޭލިއާގައި ތިން ފިލްމެއް ޝޫޓްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި "ހޭ ބޭބީ 2" ހިމެނޭކަން ސާޖިދު ވަނީ ހާމަކޮށްފައެވެ.

2007 ވަނަ އަހަރު ނެރުނު ފުރަތަމަ ފިލްމުގެ ބޮޑު ބައެއްވެސް ޝޫޓްކޮށްފައިވަނީ އޮސްޓްރޭލިއާގައެވެ. ސާޖިދު ބުނި ގޮތުގައި، އޮސްޓްރޭލިއާއަކީ ހިތްގައިމު ގައުމެއްގެ އިތުރުން ފިލްމު އުފައްދާ ފަރާތްތަކަށް ވަރަށް ފަހި މާހައުލެއް އޮންނަ ގައުމެކެވެ. އަދި ފުރަތަމަ ފިލްމު އެ ގައުމުގައި ޝޫޓްކުރިއިރު ލިބުނު އެއްބާރުލުމާއި ތަޖުރިބާ އޭނާ ފާހަގަކުރިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޕްރިމިއާ ކްރިސް މިންސް ވިދާޅުވީ، އިންޑިއާގެ ސިނަމާގެ ބޮޑު ނަމަކުން އެ މީހުންގެ ކުރިއަށް އޮތް ތިން ފިލްމެއް އޮސްޓްރޭލިއާގައި ނަގަން ނިންމުމަކީ އެ ގައުމުގެ ފިލްމީ ސިނާއަތަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ. އަދި މީގެ 20 ވަރަކަށް އަހަރު ކުރިން ފުރަތަމަ ފިލްމުވެސް އެ ގައުމުގައި ނަގާފައިވުމާއެކު، އަލުން އެނބުރި އައުމުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ފަށަން ނިންމާފައިވީ ނަމަވެސް، ފުރަތަމަ ފިލްމުގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ވިދްޔާ ބާލަންގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ފަރްދީން ހާން މި ފިލްމުން ފެންނާނެކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމުގެ ކާސްޓާއި ވާހަކައާ ގުޅޭ ތަފްސީލުތައް ކުރިއަށް އޮތް ތާނގައި ހާމަކުރާނެއެވެ. ފުރަތަމަ ފިލްމަކީ ތިން ފިރިހެނަކަށް ކުއްލިއަކަށް ކުޑަކުއްޖަކު ބަލަން ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓުކުރި ސާޖިދު ހާން މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި އެނބުރި އަންނާނެކަންވެސް އަދި ޔަގީނެއް ނުވެއެވެ.