ޕްރިޔަދަރްޝަން ޑައިރެކްޓުކޮށް، އަކްޝޭ ކުމާރާއި ސައިފް އަލީ ހާން ލީޑު ރޯލުން ފެންނަ ތްރިލާ ފިލްމު "ހައިވާން"ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މިއީ 2008 ވަނަ އަހަރު ނުކުތް "ތަޝަން" އަށް ފަހު، 18 އަހަރުގެ މެދުކެނޑުމަކަށް ފަހު މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯތަކުން ފެންނަ ގޮތުގައި، އަކްޝޭ ކުމާރު ކުޅެނީ ރަހުމުކުޑަ، ސައިކޯޕާތު ގާތިލެއްގެ ރޯލެވެ. ސައިފް އަލީ ހާން ފެންނަނީ ލޮލަށް ނުފެންނަ މީހެއްގެ ގޮތުގައެވެ.
ދެ މިނެޓާއި 34 ސިކުންތުގެ މި ޓްރެއިލާ ފެށެނީ މީހަކު ސަލާމަތަށް އެދި ގޮވަނިކޮށް މަރާލާ މަންޒަރަކުންނެވެ. އޭގެ ފަހުން، ސިލްސިލާ ގޮތެއްގައި ހިންގާ ގާތިލުކަމުގެ އަމަލުތަކެއް ފެނިގެންދެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގައި ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ފެނިގެންދާއިރު، މި ކަންކަމުގެ ތެރޭގައި ސައިފްގެ ކެރެކްޓާ ބެދި، ފުލުހުން އޭނާ ހައްޔަރުކުރާ މަންޒަރު ވެސް ޓްރެއިލާއިން ފެނެއެވެ.
މި ފިލްމަކީ 2016 ވަނަ އަހަރު މޯހަންލާލް ލީޑު ރޯލު ކުޅެފައިވާ މަލަޔާޅަމް ފިލްމު "އޮއްޕަމް"ގެ ހިންދީ ރީމޭކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަކްޝޭއާއި ސައިފްގެ އިތުރުން، ބޯމަން އިރާނީ، ސައްޔާމީ ހޭރް، ޝްރިޔާ ޕިލްގާއޯންކަރް އަދި ރާޖްޕާލް ޔާދަވް ފަދަ ތަރިން މި ފިލްމުގައި ހިމެނެއެވެ. ކޭވީއެން ޕްރޮޑަކްޝަންސްއާއި ތެސްޕިއަން ފިލްމްސް ގުޅިގެން އުފައްދާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަމަހު އެވެ.
ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ކޮމެންޓް