ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު، އިންޑިއާގެ މުމްބާއީގައި ހުރި އޭނާގެ ހަތަރު އެޕާޓްމަންޓް އެއް މަސްދުވަހުގެ ތެރޭގައި ވިއްކާލައި، ގާތްގަނޑަކަށް 7 ކްރޯޑު ރުޕީސްގެ ފައިދާއެއް ހޯދައިފިއެވެ.

މިލްކިއްޔާތު ރަޖިސްޓްރީކުރާ އިދާރާތަކުގެ ލިޔެކިޔުންތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަތަރު އެޕާޓްމަންޓް ވިއްކާލާފައިވަނީ ޖުމްލަ 20 ކްރޯޑު ރުޕީސްއަށެވެ.

ޕްރޮޕަޓީ ޑޭޓާ އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ ސީއާރްއީ މެޓްރިކްސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އަކްޝޭ އެންމެ ފަހުން ވިއްކާލާފައިވަނީ މުލުންޑް ވެސްޓްގައި ހުންނަ 'އޮބެރޯއީ އެނިގްމާ' ގެ ދެ އެޕާޓްމަންޓެވެ. މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ރަޖިސްޓްރީކުރި މި މުއާމަލާތުގައި އެ ދެ ތަން ވިއްކާލާފައިވަނީ 12.38 ކްރޯޑު ރުޕީސްއަށެވެ. މުލުންޑް ވެސްޓްގައި ވިއްކާލި ކޮންމެ އެޕާޓްމަންޓެއްގައި 1،886 އަކަފޫޓު ހުންނައިރު، ކޮންމެ ތަނަކާއެކު ކާރު ޕާކުކުރާނެ ތިން ޖާގަ ހިމެނެއެވެ. މީގެ އިތުރުން، ހަމަ އެ މަހުގެ 2 ވަނަ ދުވަހު ބޮރިވަލީ އީސްޓްގައި ހުންނަ 'އޮބެރޯއީ ސްކައި ސިޓީ' އިން ވެސް އޭނާ ވަނީ 7.1 ކްރޯޑު ރުޕީސްއަށް ދެ އެޕާޓްމަންޓް ވިއްކާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަތަރު އެޕާޓްމަންޓަކީ ވެސް 2017 ވަނަ އަހަރު އަކްޝޭ ގަނެފައިވާ ތަންތަނެވެ.

މުމްބާއީގެ ރިއަލް އެސްޓޭޓް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ މަތީ ފަންތީގެ ގެދޮރުގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި ފައިދާ ނެގުމަށް މަޝްހޫރު ތަރިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފެނުނު މުއާމަލާތެކެވެ. އަދި މި ފައިސާ އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ އިމާރާތްތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ކަމަށް ރިއަލް އެސްޓޭޓް އެނަލިސްޓުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

މި މުއާމަލާތްތަކުގެ ސަބަބުން، މުމްބާއީގެ ލަގްޒަރީ ހައުސިން މާކެޓުގައި އިންވެސްޓްކުރުމުން ލިބޭ ދިގުމުއްދަތުގެ ފައިދާ ހާމަވެގެންދާ ކަމަށް ވެސް ދާއިރާގެ ތަޖުރިބާކާރުން ބުނެފައިވެއެވެ. މި އެޕާޓްމަންޓްތައް ގަނެފައިވަނީ ކޯޕަރޭޓް ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުން ކަމަށް ރެކޯޑުތަކުން ދައްކައެވެ.