އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ ރިއަލިޓީ ޝޯ 'ދަ ޓްރެއިޓާސް އިންޑިއާ' ގެ ދެވަނަ ސީޒަން، ކްރިސްޓަލް ޑިސޫޒާ އަދި ރިދާ ތަރާނާ ކާމިޔާބުކޮށްފިއެވެ. ކަރަން ޖޯހަރް ހޯސްޓުކުރާ މި ޝޯގެ ފައިނަލް އެޕިސޯޑު އިއްޔެ ޕްރިމިއާކޮށްފައިވާއިރު، މި ދެ ތަރިން ޝޯ ކާމިޔާބުކުރީ 'ޓްރެއިޓާސް' ނުވަތަ ހިޔާނާތްތެރިންގެ ރޯލުގައި ތިބެގެންނެވެ.

ފައިނަލްގައި ކްރިސްޓަލް އާއި ރިދާއާ ވާދަކުރީ 'އިނޮސެންޓްސް' ނުވަތަ ކުށެއް ނެތް ބައިވެރިންގެ ގޮތުގައި ތިބި ޝާލިނީ ޕާސީ އަދި ސާހިލް ސަލާތިއާއެވެ. ޝޯގެ ފަހު މަރުހަލާގައި ޝާލިނީ އާއި ސާހިލް ޝޯއިން ބޭރުކޮށްލުމަށްފަހު، ކްރިސްޓަލް އާއި ރިދާ ވަނީ 66 ލައްކަ ރުޕީސްގެ ފައިސާގެ އިނާމު ހާސިލުކޮށްފައެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފައިސާގެ އިނާމު އެ ދެ މީހުންގެ މެދުގައި އެއްވަރަކަށް ބަހާނެއެވެ.

ޝޯގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރިދާއަށް ކެހިދީ، މުޅި އިނާމު އެކަނި ހާސިލުކުރުމުގެ ފުރުސަތު ކްރިސްޓަލްއަށް ލިބުނެވެ. ނަމަވެސް އޭނާ ނިންމީ ރިދާއާއެކު ކުރިއަށް ދިއުމަށެވެ. މިކަމާ ގުޅޭގޮތުން ކްރިސްޓަލް ބުނީ އޭނާ ބޭނުންވީ އަންހެނުންނަށް އެއްބާރުލުންދޭ މީހެއްގެ ގޮތުގައި ހުންނަން ކަމަށާއި، މުޅި ޝޯގައި ރިދާ ދިން ސަޕޯޓުގެ އަގުވަޒަންކުރާ ކަމަށެވެ.

މި ނަތީޖާއާ ގުޅިގެން ޝޯއިން ބޭރުވި ޝާލިނީ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޝާލިނީ ބުނި ގޮތުގައި ކްރިސްޓަލް އާއި ރިދާ އޭނާގެ އިތުބާރު މުގުރާލާފައިވާތީ، ދިރިއުޅުން އެ މީހުންނަށް ފިލާވަޅެއް ދަސްކޮށްދޭނެއެވެ. 21 ބައިވެރިންނާއެކު ފެށި މި ސީޒަން ނިމިފައިވަނީ ކްރިސްޓަލް އާއި ރިދާގެ ކާމިޔާބީއާއެކުގައެވެ.