ބޮސްނިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފޯވާޑް އެޑިން ޖެކޯ، ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ.

އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗަކަށް ވާނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ނޭޝަންސް ލީގުގައި ސްވިޑަންއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއާއެކު، ގާތްގަނޑަކަށް 20 އަހަރަށް ދެމިގެންދިޔަ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރަށް ނިމުން އަންނާނެއެވެ.

އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ޖެކޯ ބުނި ގޮތުގައި، ގައުމީ ޓީމުގެ ޖާޒީ ލައިގެން ކުޅުނު ކޮންމެ ފަހަރަކު އޭނާއަށް ކުރެވުނު ފަހުރުވެރި އިހުސާސާ އޭނާގެ ކެރިއަރުގެ އެހެން އެއްވެސް ކަމަކާ އަޅައެއް ނުކިޔޭނެއެވެ.

"އެއީ އަހަރެންގެ ކުޑައިރުގެ ހުވަފެނެއް. ފުޓުބޯޅަ ދަނޑެއްގައި ގައުމު ތަމްސީލުކުރުމުގެ ޝަރަފު ލިބުނު 151 ފަހަރު ވެސް އެ ހުވަފެން އަހަރެންނާއެކު ވީ،" ޖެކޯ ބުންޏެވެ.

ތުރުކީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށްފަހު ގާތްގަނޑަކަށް 20 އަހަރު ފާއިތުވެފައިވާކަން ފާހަގަކުރަމުން އޭނާ ބުނީ، ގިނަ ކަންތައްތަކެއް ބަދަލުވި ނަމަވެސް ގައުމީ ޖާޒީއަށް އޮތް ލޯބި ބަދަލުނުވާ ކަމަށެވެ. އަދި އުމުރުން 40 އަހަރު ވަންދެން ގައުމީ ޓީމުގައި ދެމިހުރެވުނީ އޭނާއަށް ދެވެން އޮތް ހުރިހާ އެއްޗެއް ކޮންމެ ފަހަރަކު ވެސް ދިނުމުން ކަމަށް ޖެކޯ ބުންޏެވެ.

ބޮސްނިއާގެ ގައުމީ ޓީމަށް 2007 ވަނަ އަހަރު ކުޅެން ފެށި ޖެކޯ ވަނީ އެ ޓީމަށް ކުޅެދިން 151 މެޗުގައި 73 ގޯލު ޖަހައިދީފައެވެ. މިއާއެކު އޭނާ ވެފައިވަނީ ބޮސްނިއާގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅެދިން އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ބޮސްނިއާ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 32 އާ ހަމައަށް އެ ގައުމު ގެންގޮސްދިނުމުގައި ވެސް އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ކްލަބް ކެރިއަރަށް ބަލާއިރު، ޖެކޯ މިހާރު ކުޅެމުންދަނީ ޖަރުމަނުގެ ޝާލްކޭއަށެވެ. މީގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާއި އިޓަލީގެ ރޯމާ އަދި އިންޓަ މިލާން ފަދަ މަޝްހޫރު ކްލަބްތަކަށް ކުޅެފައެވެ.