މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ދެ ރޮނގު ދެމުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލްން އިއްޔެ ބުނީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލީ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދަމާފައިިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދެމުމުގެ މަސައްކަތް ކުރިޔަށްގެންދިޔަ،" މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށެވެ. އަދި އެގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަ ކުރުމުން އެ ތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށާއި އެއީ މަނާކަމެއް ކަމަށް މޭޔަރު ފާހަގަ ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން މި ފެށި މަސައްކަތަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ، އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި އެފަދައިން ރޮނގުދެމުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.