ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، މިއަހަރުގެ ދެ ދައުރުގެ ތެރޭގައި 24 ބިލެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރުމުން، މަޖިލީހުގެ މި އަހަރުގެ ފުރަމަ ދައުރާއި ދެވަނަ ދައުރު ވެސް ކުރިއަށްގެން މުއްދަތު އިތުރުކޮށްގެންނެވެ.
މަޖިލިސް އިދާރާއީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި މެއި 16 އިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާންޖެހޭނެ ކަމަށް މަޖިލިސް ހަވާއިދުގައި ބުނެފައިވީ ނަމަވެސް، ފުރަތަމަ ދައުރުގެ މުއްދަތު ހަމަވި އިރު، ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ދައުރު ދަންމާލައިގެން، އެ ދައުރުގައި 10 ބިލެއްގެ މަސައްކަތް ނިންމިއެވެ.
އެކަމުގެ ސަބަބުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށި ފުރަތަމަ ދައުރުގެ ޗުއްޓީއަށް ނުގޮސް ޖޫން މަހުގެ އެއްވަނަ ދުވަހުންއެވެ. ދެވަނަ ދައުރު ދަންމާލައި މިދިޔަ އޮގަސްޓް މަހުގެ 26 އިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، އެ ދައުރުގައި 14 ބިލެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ.
އެހެން ކަމުން ދެ ދައުރު ނިންމައިލި އިރު، މަޖިލީހުގައި މިވަގުތު ނުނިމި އޮތީ، 23 ބިލެއްގެ މަސައްކަތެވެ. މީގެ ތެރެއިން 21 ބިލެއް ކޮމިޓީ މަރުހަލާގައެވެ. ދެ ބިލު އޮތީ މަޖިލީހުގެ ތަޅުމުގައެވެ.
މިއަހަރު ނިންމި މުހިއްމު ބިލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެއްގަމު ދަތުރުފަތުރު އާ ގާނޫނުގެ ބިލުގެ އިތުރުން ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ އާ ގާނޫނުގެ ބިލު ހިމެނެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ދައުރުގެ ތެރޭގައި ދެ ގަރާރެއްގެ މަސައްކަތާއި ސަރުކާރުން ހުށަހެޅި 13 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅުއްވި ދެ މައްސަލައެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ. އަދި ދެވަނަ ދައުރުގެ ތެރޭގައި ހަތަރު ގަރާރެއްގެ މަސައްކަތާއި ސަރުކާރުން ހުށަހެޅި 17 މައްސަލައެއްގެ މަސައްކަތާއި މެންބަރުން ހުށަހެޅުއްވި ދެ މައްސަލައެއްގެ އިތުރުން ދެ ޕެޓިޝަނެއްގެ މަސައްކަތް މަޖިލީހުން ވަނީ ނިންމައިފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ތެރޭގައި ވަޒީރުންނަށް ކުރުމަށް މެންބަރުން ހުށަހެޅުއްވި 96 ސުވާލެއްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އެހެން ކަމުން ބާކީ ނުނިމި އޮތީ، 59 ސުވާލެއްގެ މަސައްކަތެވެ.
މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، މަޖިލީހަށް ހުށަހަޅާފައިވާ 215 މައްސަލައިގެ ތެރެއިން 106 މައްސަލައިގެ މަސައްކަތް އެއްކޮށް ވަނީ ނިމައިފައެވެ. އެހެން ކަމުން އެކި މަރުހަލާތަކުގައި ނުނިމި އޮތީ، 109 މައްސަލައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް