އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން ބަޔަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އުމްރާއަށް ގެންދިއުމަށް ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފައިސާއާ އެކު އެކުންފުނީގެ އިސްވެރިން ފިލި މައްސަލައެކެވެ.

މި މައްސަލައިގައި އެ ހަ މީހުންގެ ފަރާތުން އެ ކުންފުންޏާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައި ވަނީ އުމްރާއަށް ދިޔުމަށް އެ އާއިލާއިން ދެއްކި 155،700 ރުފިޔާ އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ހަރަދު އެ ކުންފުނިން ހޯދުމަށެވެ.

ފައިސާ ދައްކަން ޝަރީއަތުގައި އެ ކުންފުނިންނާއި އަބްދުﷲ ރަޝީދު އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.

ނަމަވެސް ޝަރީއަތުގެ ހަރަދުގެ ގޮތުގައި 42،000 ރުފިޔާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ އަސްކޮއި ޓްރެވެލް ސާވީސް ލިމިޓެޑްއިން ފައިސާ ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، އެކުންފުންޏަށް އަދި އެކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް ގެންދިއުމުގެ ހުއްދަ ނުދޭން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، ލަނޑުދިން މައްސަލައިގައި އަސްކޮއި ގްރޫޕް ވަނީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ. އޭގެ އިތުރުން މިނިސްޓްރީން ވަނީ ހަރުކަށި ފިޔަވަޅުތައް ވެސް އެ ކުންފުންޏަށް އަޅައިފައެވެ.