ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 17:10 އެހާކަންހާއިރު ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރިން އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ބަހަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެ މީހުންނަށްކަމަށް ފުލުހުން ބުންޏެވެ.

އެއީ ސައިކަލު ދުއްވަން އިން އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކަށްކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް މާ ބޮޑެތި އަދި ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.