ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޓަވަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އަދި ހުރިހާ ޔުނިޓުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރޭވިފައިވީ ނަމަވެސް، އެންމެ ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ބޭނުންވާ ޔުނިޓުތަކަށް އިސްކަންދީގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައިވަނިކޮށް، އަދި އެ ފަހުން ސްޓެލްކޯ ފްލެޓަކުން ދެ އަހަރުގެ ތުއްތު ކުއްޖަކު ވެއްޓި މަރުވި ހާދިސާއާ ގުޅިގެންނެވެ.

އެ ހާދިސާތަކާ ގުޅިގެން ރައީސްވަނީ، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިން ފަދަ ތަންތަނުގެ ރައްކާތެރިކަން ޔަގީންކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަކީ ގައުމީ އަދި އިންސާނީ ވާޖިބެއްކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިން ބެލެހެއްޓުމުގައި އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތައް ގުޅިގެން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސަރުކާރާއި ކުންފުނިތަކާއި ޖަމިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެން ފުޅާދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.