ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ރަސްމީގޮތުން ގާއިމުކުރެވުނީ 12 ރަބީޢުލްއައްވަލު 1432 ގައެވެ. (15 ފެބުރުވަރީ 2011 ގައެވެ.) ހިޖުރީ ތާރީޚުން ދުވަސް ބަލައިގެންނެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމާބެހޭ ކޮމެޓީއަކުން ދުވަސް ކަނޑައަަޅައި ލަފާއަރުވައިގެންނެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ހުޅުވާނެ ދުވަހެއް ތާރީޚީގޮތުން ކަނޑައެޅީ ދާރުލްޢުލޫމް ހުޅުވުނު ދުވަހަށް ނިސްބަތްކޮށްގެންނެވެ. ދާރުލްޢުލޫމް ހުޅުވުނީ ހިޖުރީގޮތުން 12 ރަބީޢުލްއައްވަލު 1372 (30 ނޮވެންބަރު 1952) ގައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ 12 ރަބީޢުލްއައްވަލު 1432ގައި ހުޅުވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުންނެވެ.
"1432 ރަބީޢުލްއައްވަލު މަހުގެ 12 ވަނަދުވަސް، އާދެ! 15 ފެބުރުއަރީ 2011 އަޅުގަނޑުމެންނާ ވަކިވެގެންދަނީ "ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގާއިމުކޮށްފައެވެ."ޑރ ޙަސަން ޙަމީދުގެ ލިޔުއްވުމެއްގައިވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއަށް ހަގީގަތުގައި 16 އަހަރު ފުރުނީ މި ރަބީޢުލް އައްވަލު 12 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބަލަނީ އެ ޔުނިވަސިޓީއަށް ބައިގަރުނުވެއްޖެ ކަމުގައެވެ.
އެންމެފަހުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ފާހަގަކުރީ 52 ވަނަ އަހަރީ ދުވަހެވެ. އެއީ 1 ސެޕުޓެންބަރު 1973ގައި، އެލައިޑު ހެލްތު ސަރވިސަސް ޓުރޭނިންގު ސެންޓަރު ހުޅުވުނު ދުވަހަކަށް ނިސްބަތްކޮށްގެންނެވެ. އެ ސެންޓަރު ނުވަތަ ވަކި ރޮނގަކުން ތަމުރީނުދޭ މަރުކަޒެއްް ހުޅުވިފައިވީ މަތީ ތައުލީމުގެ ވިސްނުމުގައި ނޫންކަމަށް އެކަން ކުރެއްވި ގޮތް އެނގިވަޑައިގަންނަވާ ތަޖުރިބާކާރު އިލްމީ ބައެއް މާހިރުން ދެކެވަޑައިގަންނަވައެވެ.
އެބޭފުޅުން ވިދާޅުވަނީ މިއުސޫލުން ބަލާއިރު ދިވެހިރާއްޖޭގައި ޔުނިވަސިޓީ ތައުލީމުގެ ބިންގާ އެޅުމަކީ މީގެ 60 ހަކަށް އަހަރުކުރިން 1967ގައި ރާއްޖޭގައި ޖީސީއީ ފެށުން ކަމުގައެވެ. އާންމުވެގެންވާ ގޮތުގައި ޔުނިވަސިޓީ ތައުލީމަށް އެޅުނު ފުރަތަމަ ބިންގަލަކީ އެއީ ކަމުގައެވެ.
ވީމާ، މިކަންކަން ދިރާސާ ކުރައްވާ އިލްމީ ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ، ރާއްޖޭގަައި ޔުނިވަސިޓީ ތައުލީމުގެ ފުރަތަމަ ބިންގާ އެޅުމަކީ 1960ގެ އަހަރުތަކުގައި ޖީސީއީ އޯލެވެލް ފެށުން ކަމަށާއި އަދި އެއިގެ ފަހުން 1980ގެ އަހަރުތަކުގައި ޖީސީއީ އޭލެވެލް ފެށުން ކަމުގައެވެ. އެއަށްފަހު 1 އޮކުޓޫބަރު 1998ގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފެދުން ކަމުގައެވެ. މިފަދަ އާންމުވެގެންވާ ގޮތެއްގައި ޔުނިވަސިޓީ ތައުލީމަށް މަގުފަހިވި މަތީތައުލީމަށްޓަކައި ކުރެވުނު ބޮޑެތި ކަންކަން ކަމުގައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އޯ ލެވެލް ހެދުމުގެ ރެކޯޑު ވަނީ އަމީނިއްޔާއަށެވެ. އަންހެން ދަރިވަރުންނަށެވެ. އެއީ ޖަނަވަރީ 1967ގައެވެ.
އެ ފަހުވެރި ދަރިވަރުންނަކީ،
1- ލަޠީފާ އަޙްމަދު ގ. ގުލްދަސްތާގެ
2- އަނީސާ އަޙްމަދު މ. އުނިމާގެ
3- ޙައްވާ ޤާސިމް ހ. ސަންރޭ
4- ފާޠިމަތު ދީދީ ހ. ހަރުމަލުގެ މިއެވެ.
ހުރިހާ މާއްދާއަކުން ލަތީފާ އަހްމަދު ފާސްވިއެވެ. މަޖީދިއްޔާ ދަރިވަރުން ފިރިހެން ކުދިން ޖީ.ސީ.އީ. އޯލެވެލް ހެދީ އެ އަހަރުގެ ޖޫންގައެވެ. ޖޫން 1967ގައެވެ.
އެންމެ ފުރަތަމަ ޖީ.ސީ.އީ. އޯލެވެލް ހެދި މަޖީދިއްޔާ ދަރިވަރުންނަކީ،
1- އިބްރާހީމް މޫސާ ފުޅު ހ. ރޭލައިޓް
2- މައިޒާން އާދަމް މަނިކު ހ. މައިޒާންދޮށުގެ
3- ޢަބްދުއްރަޝީދު ޙުސައިން ހ. ގިރިތެރޭގެ
4- އާދަމް އިބްރާހީމް މ. އަސްރަފީގެ
5- އަޙްމަދު އިސްމާޢީލް ހ. ރޯނުގެ
6- ޝަހީމް ރާޟީ މއ. ސަތަރުގެ
7- ޢަލީ އާދަމް މަނިކު ހ. ކީރަންމާގެ މިއެވެ.
1960ގެ އަހަރުތަކުގައި ރާއްޖޭގައި ރަސްމީގޮތުން އިނގިރޭސި ތައުލީމު ފެށުން ހިމެނުނީ ރާއްޖޭގެ ތައުލީމީ ތަރައްގީގެ އެންމެ ބޮޑު އިންގިލާބީ ކުރިއެރުން ކަމުގައެވެ. އެއިގެ ފަހުން ރާއްޖެއަށް ލިބުނު ހުރިހާ ކުރިއެރުމެއް އަދި މެދުފަންތީގެ މީހުންނަށް ނުވަތަ އާންމު ރައްޔިތުންނަށް ސިޔާސީ އިޖުތިމާއީ އިގުތިސާދީ މައިދާނުގައި ކުރިއަށް ދިއުމުގެ މަގުފަހިވީ މިކަމުގެ ސަބަބުން ކަމުގައެވެ. ބޮޑުވަޒީރު އަދި ވަޒީރުލް މަޢާރިފް ޞާޙިބުއްދައުލަތު (ދައުލަތުގެ މަތިވެރި ސާހިބު) ޞ.ދ. ނާޞިރުގެ އެންމެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް