މިދިޔަ އޮގަސްޓް މަހުގެ 27 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 6.9 ޕަސެންޓް އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އާމްދަނީއަށް މި ކުރިއެރުން ލިބިފައިވަނީ ޓެކްސް އާމްދަނީ އާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.97 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 12.1 ޕަސެންޓް (239.5 މިލިއަން ރުފިޔާ) ގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 7.20 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 4.4 ޕަސެންޓް އިތުރު އަދަދެކެވެ.
ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.91 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 9.2 ޕަސެންޓް އިތުރުވެ، ޖުމްލަ 21.73 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ 19.7 ޕަސެންޓް އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ 6.1 ޕަސެންޓް އިތުރުވެ 2.87 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 ޕަސެންޓް އިތުރުވެ 1.26 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް ވެސް 32.0 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ އިރު، މި އަދަދު ވަނީ 1.68 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 88 ޕަސެންޓް އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، 27 އޮގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 29.96 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 25.50 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 17.5 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާ އިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިއަން ރުފިޔާއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ. މުސާރައާއި އުޖޫރައަށް ކުރި ހޭދަ 4.75 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ 2025 ވަނަ އަހަރުގެ އޮގަސްޓް 27 ގެ ނިޔަލަށް ހޭދަވި 4.21 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 12.7 ޕަސެންޓް (533.0 މިލިއަން ރުފިޔާ) ގެ އިތުރުވުމެކެވެ.
އެހެނިހެން ރިކަރަންޓް ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ އިނާޔަތްތަކަށް ހޭދަވި 4.04 ބިލިއަން ރުފިޔާ ހިމެނެއެވެ. މިއީ 6.2 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ޕެންޝަނާއި ރިޓަޔަރމަންޓް އިނާޔަތްތަކަށް ހޭދަވި 1.56 ބިލިއަން ރުފިޔާއަކީ އަހަރުން އަހަރަށް ބަލާއިރު 8 ޕަސެންޓުގެ އިތުރުވުމެކެވެ. އެހީއާއި ސަބްސިޑީގެ ގޮތުގައި ދޫކުރި މިންވަރު 40.3 ޕަސެންޓް އިތުރުވެ 8.54 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މީގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި ދިން 3.54 ބިލިއަން ރުފިޔާއާއި ކައުންސިލްތަކަށް ދިން 1.67 ބިލިއަން ރުފިޔާ ހިމެނެއެވެ. އާސަންދައަށް ކުރި ހޭދަ ހުރީ 1.45 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 10.7 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، ދައުލަތުގެ ކެޕިޓަލް ހަރަދު ވަނީ ނުވަ ޕަސެންޓް އިތުރުވެފައެވެ. ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ 44.6 ޕަސެންޓް އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 857.7 މިލިއަން ރުފިޔާއަށްވުރެ 382.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު 18.0 ޕަސެންޓް އިތުރުވެ 473.9 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 39.8 ޕަސެންޓް އިތުރުވެ 292.1 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
މީގެ އިތުރުން، އުމްރާނީ ތަރައްގީގެ އެހެނިހެން ވަސީލަތްތަކަށް ކުރި ހަރަދު 42.3 ޕަސެންޓް އިތުރުވެ 834.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. މި އިތުރުވުންތަކާއެކު، އޮގަސްޓް 27 އޮގަސްޓް ގެ ނިޔަލަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޖުމްލަ ހަރަދު ވަނީ 3.33 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް