ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި، އެ މުއައްސަސާގެ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގައި، ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށް ވެސް ނުހަނު މުހިންމު ކަމެކެވެ.

އަދި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ވެސް އެ މުއައްސަސާގެ ހިދުމަތް ހަރުދަނާވުން މުހިންމު ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމުގެ އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، އެ އަޒުމާއި ރޫހުގައި އަބަދުވެސް ހިންމަތާއި އިހުލާސްތެރިކަމާއެކު ދެމިތިބުމަށް ދިވެހި ފުލުހުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.