ޑައިމޯފިން ޓްރެފިކް ކުރި މީހަކު 16 އަހަރަށް ޖަލަށް ލުމާ އެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ރ. މަޑުއްވަރީ ފެހިމާގެ، ހަސަން ސަފީރުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ، ހުޅުމާލެ ގެސްޓް ހައުސްއެއްގައި ހުއްޓާ އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު، ޖިންސުގެ ޖީބުން ފެނުނު ތަޅުދަނޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހާޒިރުގައި، ގ. އަލްމާސްގޭގެ އޭނާއާ ގުޅުން އޮންނަން އެޕާޓްމަންޓް ބަަލައި ފާސްކުރި އިރު އެ އެޕާޓްމަންޓުން ފެނުނު ތަކެތީގައި ޑައިމޯފިން ހުރުމުންނެވެ.

މީގެ އިތުރުން އޭނާއާ ގުޅުން އޮންނަ ހ. ސްޕޭންވިލާ އަށް ހާޒިރުކޮށް އޭނާގެ ހާޒިރުގައި އެގޭގައި ހުރި އޭނާއަށް ގުޅުން އޮންނަ ކޮޓަރިއެއް ބަލައި ފާސް ކުރުމުންވެސް ޑައިމޯފިން ފެނިގެންނެވެ.

މި މައްސަލައިގެ ޝަރިއަތުގެ މަރުހަލާގައި، ސަފީރު ވަނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ.

އެހެންކަމުން އޭނާގެ އިއުތިރާފުން ޑައިމޯފިން ޓްރެފިކް ކޮށްފައިވާކަން ސާބިތުވާތީ އެ ކުށުން އޭނާ ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި 16 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކޯޓުން އޭނާއަށް ވަނީ އަންގައިފައެވެ.