ލައިސަންސް ނެތި ބޭރު ފައިސާ ވިއްކާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށްފަހު އެ ކުންފުނީގެ އޮފީސް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މޯލްޑިވްސް ނައިޑް އިންވެސްޓްމެންޓްގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައި ފާސް ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާ މާރުކުރުމުގެ ވިޔަފާރި (މަނީ ޗޭންޖިން) ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލުކޮށްފިއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައަޅާ ރަސްމީ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުން ކުށަކަށް ހަދައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ ކުށެކެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތި ނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި، ޕްރޮމޯޓްކުރުމަކީވެސް މި އިސްލާހުގެ ދަށުން ކުށެކެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި އިޝްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާއިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މިމަހުގެ 24 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ބޮޑެތި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ސިޔާސީ ބޭފުޅުން އެބަތިބި ކަމަށާއި އެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ހަތް ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެ ތަންތަނުން އެކަނިވެސް ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ހުއްދަ ނުނަގައި މިފަދަ މުއާމަލާތްތައް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށާއި ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން ކަމަށެވެ.
ބޮލީވުޑް
ހައިކޯޓު
ކޮމެންޓް