ސެމްސަންގް ކުންފުނިން އެ ކުންފުނީގެ ގެލެކްސީ ބުކް6 ލައިންއަޕް އިތުރަށް ފުޅާކޮށް، އާންމުންނަށް ގަންނަން ފަސޭހަ އަގެއްގައި ލިބޭނެ 14 އިންޗީގެ އާ މޮޑެލެއް ތައާރަފުކޮށްފިއެވެ. ސެމްސަންގުން ބުނި ގޮތުގައި، އާންމު ދުވަހުގެ ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ލެޕްޓޮޕްގެ އަގު ފެށެނީ 799.99 ޑޮލަރުންނެވެ.

މި އާ މޮޑެލްގައި އިންޓެލް ކޯ ސީރީޒް 3 ގެ ޕްރޮސެސަރުތައް ހިމަނާފައިވާއިރު، އެއްފަހަރު ޗާޖުކޮށްގެން 25 ގަޑިއިރުގެ ބެޓެރީ ލައިފް ލިބޭނެ ކަމަށް ސެމްސަންގުން ބުނެއެވެ. އަދި 45 ވޮޓްގެ ފާސްޓް ޗާޖިންގެ އެހީގައި 30 މިނެޓުގެ ތެރޭގައި 33 ޕަސެންޓަށް ޗާޖުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފޭ ގޮތަށް ގެލެކްސީ އޭއައިގެ ހިދުމަތްތައް ވެސް މި ލެޕްޓޮޕްގައި ވަނީ ހިމަނާފައެވެ. ބަރުދަނުގައި 1.35 ކިލޯގްރާމް ހުންނަ މި ލެޕްޓޮޕްގެ ބޯމިނަކީ 15.7 މިލިމީޓަރެވެ. މީގެ އިތުރުން 8 ގިގަބައިޓް އަދި 16 ގިގަބައިޓްގެ ރެމް އާއެކު، 256 ގިގަބައިޓުން ފެށިގެން 1 ޓެރަބައިޓާ ހަމައަށް ސްޓޯރޭޖް އިހުތިޔާރުކުރެވޭނެއެވެ.

ސެމްސަންގް އިލެކްޓްރޯނިކްސްގެ ގެލެކްސީ އިކޯސިސްޓަމްސް ބިޒްނަސް ޓީމުގެ އިސްވެރިޔާ މިންޗޯލް ލީ ބުނި ގޮތުގައި، އާ ގެލެކްސީ ބުކް6 އާއެކު ކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ގެލެކްސީ ބުކްގެ ތަޖުރިބާ ހޯދައިދިނުމެވެ. އަދި އާންމުންނަށް ގަންނަން ފަސޭހަ އަގެއްގައި، އިތުބާރު ހިފޭ ޕާފޯމަންސާއި ގިނަ ވަގުތު ހިފަހައްޓާ ބެޓެރިއެއް މި މޮޑެލްއިން ލިބޭނެކަން އޭނާ ފާހަގަކުރިއެވެ. މި ލެޕްޓޮޕްގެ ޑިސްޕްލޭގައި 16:10 ގެ ނިސްބަތެއް ހިމެނޭއިރު، މިއީ ލިޔެކިޔުންތައް ކިޔުމަށާއި އިންޓަނެޓް ބޭނުންކުރުމަށް ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ސްކްރީނެއް ކަމަށް ސެމްސަންގުން ބުނެއެވެ.

މި ލެޕްޓޮޕް ނެރުމަށް ހަމަޖެހިފައިވަނީ އަޅި ކުލައިގެ އިތުރުން، ގެލެކްސީ ބުކް ސީރީޒްއަށް އަލަށް ތައާރަފުކުރާ ވައިލެޓް ސިލްވާ ކުލައިގައެވެ. ސެމްސަންގުން ހާމަކޮށްފައިވާ ގޮތުގައި، ގެލެކްސީ ބުކް6 އަލްޓްރާ، ޕްރޯ އަދި އެޖް މޮޑެލްތަކާ ގުޅޭ މި އާ ލެޕްޓޮޕް، އޮކްޓޯބަރު 5، 2026 އިން ފެށިގެން ސެމްސަންގްގެ ވެބްސައިޓުންނާއި އެމެޒޯން މެދުވެރިކޮށް ގަންނަން ލިބޭނެއެވެ.